ޚަބަރު

މާފުށީ ފަރަށް އެރި ސަފާރީގެ ބައިތައް ނަގަން ފަށައިފި


  • ފަރަށް އެރީ ވައިގަދަވެ ސަފާރީގެ ނަގިލި ކެނޑުމުން

  • ހާދިސާ ހިނގި ވަގުތު ސަފާރީގައި 6 ފަޅުވެރިން ތިބި

މިއަދު ހެނދުނު ކ.މާފުށީ ފަރަށް އެރި ސަފާރީގެ ބައިތައް މާފުއްޓަށް ލައްގަމުންދާތީ ރައްޔިތުންނާއި ކައުންސިލް އަދި ފުލުހުން ގުޅިގެން އެތަކެތި ނަގައި ބަނދަރު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ސަފާރީއަކީ، މާފުށީގެ ފަޅުތެރޭގައި ބާއްވައިގެން ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން ދިޔަ ސަފާރީއެއްކަމަށް މާފުށީ ކައުސިލުން މައުލޫމާތުދެއްވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުސިލުގެ ނައިބުރައީސް ހުސައިން އަމީލު ވިދާޅުވީ، ސަފާރީގެ ބައިތައް ރަށުގެ ބަނދަރަށް ލައްގަމުންދާތީ ބަނދަރު ސާފުކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު ސަފާރީގައި ތިބީ 6 ފަޅުވެރިން އެކަނި ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ ވިލާގަނޑުގައި ވައިގަދަވި ވަގުތު ސަފާރީގެ ނަގިލި ކަނޑައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ. އަދި ސަފާރީއެއްގެ ވާ ކަނޑައިގެން ގޮސް، އެ ރަށު ބަނދަރުގެ ބޭރު ތޮއްޓަށް ލައްވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:15 އެހާކަންހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށާއި، ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ، ވަޔާއި ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ދަތުރުކުރާ އުޅަނދުގައި ލައިފު ޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.