ޚަބަރު

ކޮޅުވެއްޓި ބަންޑުންޖަހާލުން: ދެ މީހުން އަދިވެސް ނުފެނޭ


  • ސަލާމަތްވި 8 މީހުން ވަނީ ގާފަރަށް ގެންގޮސްފައި

  • ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ކ. ތިލަފުށިން ފުރައިގެން ދަތުރު ކުރަމުންދަނިކޮށް އެ އަތޮޅުގެ ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ކ.ގާފަރު ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 08:48 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގިވަގުތު ކޮޅުވެއްޓީގައި 10 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން 8 މީހުން ސަލާމަތް ކުރެވުނު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. ގެއްލިފައިވަނީ ދެ ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މިހާދިސާގައި ސަލާމަތްކުރި 8 މީހުން މިއަދު މެންދުރުގެ ވަގުތެއްގައި އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުންގެ ގައިގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައި ހުރި ނަމަވެސް 8 މީހުންގެވެސް ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާ ކުރައްވާފައެވެ. އެހެންވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުންވަނީ އިލްތިމާސް ކުރައްވާފައެވެ.