ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ.
މިއީ، މި މަޤާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އެމަނިކުފާނު މަޤާމާ ހަވާލުވެ ވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.
މީގެ ކުރިންވެސް ޝަރީފް ވަނީ، އޭބީއޭގެ ލީޑަރޝިޕުގައި ޚިދުމަތް ކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވާފައިވެއެވެ. އަދި ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފައެވެ. އެމަނިކުފާނުގެ ލީޑަރޝިޕަށް އޮތް އިތުބާރުގެ ޔަޤީންކަމާއެކު، 2025 ވަނަ އަހަރު އަލުން އެ މަޤާމަށް ވަނީ އައްޔަން ކުރައްވާފައެވެ.
މި މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ޝަރީފް ވިދާޅުވީ، "އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން ކުރައްވާފައިވާ އިތުބާރަށްޓަކައި ނުހަނު ޝުކުރުވެރިވާ ކަމަށެވެ. އަދި އޭނާގެ ތަޖުރިބާއާއެކު މި މަޤާމުގައި އޭބީއޭއަށް ޚިދުމަތް ކޮށްދިނުމަކީ ލިބޭ ޝަރަފެއް ކަމަށާއި، އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިންގ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށް، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން ކަމަށެވެ.
ބީއެމްއެލްއިން ވިދާޅުވީ، ޝަރީފް އޭބީއޭގެ ޗެއާމަންކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ޑރ. ޑަރސަން ޗިއު، އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިންގ ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސެކްރެޓޭރިއަޓުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭބީއޭގެ ސެކްރެޓަރީ-ޓްރެޜަރާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
1981ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ، އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިންގ އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިންގ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކޮށް ޤާބިލުކަން އިތުރު ކުރުމެވެ. އަދި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.
ބީއެމްއެލްއިން ވިދާޅުވީ، އޭބީއޭއިން ޝަރީފް މި މަޤާމަށް އައްޔަން ކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިންގ ލީޑަރޝިޕުގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެ ކަމަށެވެ. އަދި މި ނިންމުމުން އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން އެމަނިކުފާނުގެ ތަޖުރިބާއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމަށެވެ.
މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.