ދުނިޔެ

އިންޑިޔާއާއެކު ސްޓްރެޓީޖިކް ގުޅުން ގާއިމްކުރަން ޗައިނާ އޮތީ ތައްޔާރަށް





 


އިންޑިޔާއާއެކު ސްޓްރެޓީޖިކް ގުޅުން ގާއިމްކުރަން ތައްޔާރަށް އޮތްކަން ޗައިނާއިން ހާމަކޮށްފިއެވެ.


 
އިންޑިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ވިދާޅުވީ އޭނާގެ ދަތުރުފުޅުގެ ބޭނުމަކީ އިންޑިޔާއާއި ޗައިނާގެ ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާބެހޭގޮތުން އިންޑިޔާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުން ކަމަށެވެ. ނިއުދިއްލީއަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ އަކީ އިންޑިޔާގެ ބޮޑުވަޒީރަކަށް ބީޖޭޕީގެ ޒައީމް ނަރެންދުރަ މޯދީ އިންތިޚާބުވެ ވަޑައިގެންނެވި ފަހުން އިންޑިޔާއަށް ޒިޔާރަތް ކުރައްވާ ޗައިނާގެ ފުރަތަމަ މަސްއޫލުވެރިޔާއެވެ.


 
އިންޑިޔާގެ ދަ ހިންދޫ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވާންގްޔީ ވިދާޅުވީ އޭނާ އިންޑިޔާއަށް ވަޑައިގެންނެވީ ދެގައުމުގެ ދެމެދުގައި ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމް ކުރުމާބެހޭގޮތުން އިންޑިޔާގެ އިސް މަސްއޫލުވެރިންނާ މަޝްވަރާކުރެއްވުމަށް ޗައިނާގެ ރައީސް ޝީޖިންޕިންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށެވެ. ވާންގްޔީ އިއްޔެ ވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުޝްމާ ސްވަރާޖާ ބައްދަލުކުރައްވާފައެވެ.


 
 


އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ސައްޔިދު އަކްބަރުއްދީން ވިދާޅުވީ މިދަތުރުފުޅަށް އިންޑިޔާގެ އައު ސަރުކާރުން ވަރަށް ބޮޑަށް މަރްޙަބާ ކިޔާ ކަމަށެވެ.