މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 10:15 އިން ފެށިގެން ދަންވަރު 04:15 އާއި ހަމައަށެވެ. ޢޭގޭކުރިން މިރޭ ވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
ސަމާލު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރެވެހި ގުގުރުން އެކަށީގެންވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިގަޑިތަކުގައި ހއ. އިން ތ. އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެކަންވެސް އެއިދާރާއިން ފާހަގަކުރެއެވެ.
ލ. އަތޮޅުން ފެށީގެން އައްޑޫ އަތޮޅާއި ހަމައަށެވެ. މި ހުދު ސަމާލު ނެރެފައިވަނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އާއި ހަމައަށެވެ. އެހެންކަމުން މިރޭ 10:15 އިން ފެށިގެން ދަންވަރާއި ހަމައަށް މުޅި ރާއްޖެއަށް އޮތީ ހުދު ސަމާލު ނެރެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންނެއެވެ. އަދި މާދަމާ ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.