ޚަބަރު

ބާސާގެ ކެރިއަރ ނިމުމަކަށް އައިކަން ރަޝްފަޑް ހާމަކޮށްފި


  • ރަޝްފަޑް މިދިޔަ ސީޒަން ބާސާއަށް ކުޅެފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާގެ ކެރިއަރު ނިމުމަކަށް އައި ކަން އެޓީމަށް ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަންގައި ކުޅުނު މާކަސް ރަޝްފަޑް ހާމަކޮށްފިއެވެ.

ރަޝްފަޑް މިކަން ހާމަކޮށްފައިވަނި ބާސާއަށް ފޮނުވި މެސެޖެއްގައެވެ. މިގޮތުން އޭނާގެ މެސެޖުގައި ރަޝްފަޑްވަނީ އޭނާ ބާސާގައި ހޭދަކުރި ދުވަސްތަކަކީ ފާހަގަ ކޮށްލެވޭ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކަކަށް ހަދާދިނީތީ އެކްލަބްގެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކެރިއަރުގައި ކުރިއަށްދާނީ ބާސާގެ އެހަނދާންތަކާއެކުގައިކަމަށްވެސް ރަޝްފަޑް ބުނެފައިވެއެވެ. އަދި ބާސާ އާއި އެކްލަބްގެ ސަޕޯޓަރުންނަށް ކުރިއަށް އޮތް ސީޒަނަކީ ކާމިޔާބު ސީޒަނަށް ވާން އެދޭކަމަށް އޭނާ ހާމަކޮށްފައިވެއެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓަށް ގިނަ އަހަރު ތަކެއް ކުޅެފައިވާ ރަޝްފަޑް މިދިޔަ ސީޒަން ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބާސާގައެވެ. އަދި ސީޒަން ނިމުމާއެކު އޭނާ އެކްލަބްގައި ބަހެއްޓުމަށް ބާސާގެ މެނޭޖްމަންޓްގައި އެދުމާއި އަދި ބާސާއިން އެކްލަބްގައި އޭނާ ބަހައްޓަން ބޭނުންވުމާއެކުވެސް މާލީ ދަތިކަމުގެ ސަބަބުން މިކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. އަދި ވޯލްޑް ކަޕްގައި އިންގްލަންޑް ޓީމާއި ގުޅުނުއިރުވެސް ރަޝްފަޑްގެ އުންމީދަކަށްވީ އެނބުރި ބާސާއަށް މިސީޒަންގައި ކުޅުމެވެ. ނަމަވެސް އެކަން ނުވާނެކަން ޔަގީންވުމުން ރަޝްފަޑްވަނީ އެކަމަށް ނިމުން އަމިއްލައަށް ގެނެސްފައެވެ. އަދި ބާސާގައި ރަޝްފަޑް ހޭދަކުރި އެއް ސީޒަންގައި އޭނާވަނީ މޮޅު ކުޅުމެއް ދައްކާ ބާސާއަށް މުހިންމު ލަނޑު ތަކެއް ކާމިޔާބު ކޮށްދީފައެވެ.

ރަޝްފަޑްގެ މެެސެޖާއި ގުޅިގެން ބާސާއިންވެސްވަނީ އޭނާ އެކްލަބްގައި ހޭދަކުރި ސީޒަނަކީ ވަރަށް ފާހަގަކޮށްލެވޭ ސީޒަނެއް ކަމުގައި އެކްލަބުން ހާމަކޮށްފައެވެ. އަދި އޭނާގެ މުސްތަގްބަލަށް އެކްލަބުން ކާމިޔާބީއަށް އެދޭކަމަށްވެސް ބާސާއިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން ބާސާގައި ރަޝްފަޑް އާއެކު ކުޅުނު ކުޅުންތެރިންވެސް އަންނަނީ ރަޝްފަޑަށް ޝުކުރުގެ މެސެޖު ފޮނުވަމުންނެވެ.