މިނިވަން ދުވަހަކީ ޤައުމުގެ މިނިވަންކަމަށް ނުރައްކާވާ ފަދަ ކަންކަން ކުރައްވާފައި ތިބި ފަރާތްތަކަށް އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވާން އެންމެ މުނާސަބު ވަގުތަކީ މިނިވަން ދުވަސްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާޢު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަންކަމާއި ޚާރިޖީ ސިޔާސަތަށް އަލިއަޅުވާލައްވާފައެވެ. އަދި މީގެ ކުރިން ވެރިކަން ކުރި ފަރާތްތަކުން ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައިވާ ގޮތާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވަނީ ކުރީގެ ވެރިކަންތަކުގައި ވަކި ފަރާތަކަށް ބުރަވާ ޚާރިޖީ ސިޔާސަތެއް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެމްޑީޕީގެ ވެރިކަންތަކުގައި ރައްޔިތުންނާއި ބީރަށްޓެހި ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބާރަށު ދައިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވަނީ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ދައްކަވާވަހަކައީ ސިޔާސީ ވާހަކައެއް ކަން ފާހަގަކުރައްވާފައެވެ. ޝުޖާޢު ވިދާޅުވީ ސިޔާސީ އަދި ޚާރިޖީ ސިޔާސަތުތަކުގެ ވާހަކަ ދައްކަވަން މިނިވަން ދުވަހަށް ވުރެ މުނާސަބު ވަގުތެއް ނޯންނާނެ ކަމަށެވެ. އޭނާ ވަނީ މިނިވަން ދުވަހުގެ ތަޤުރީރަކީ މާޒީގައި ކޮށްފައި ހުރި ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށް ގޮވާލަންޖެހޭ ތަޤުރީރެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރީގެ ވަޒީރުންނަށްވެސް. މިނިވަން ދުވަހަކީ މިއީ ސިޔާސީ ވާހަކަ ދައްކަންޖެހޭ ދުވަހެއް. އެއީ އަޅުގަނޑުމެންގެ މާޒީން އިބުރަތް ހާސިލްކޮށްގެން ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރަން، ހުރި ކަންކަމާއި ގުޅޭގޮތުން އަދި އެފަދަ ކަމެއް ކުރީގެ މާޒީގައި ކަންކަން ގޯހުން، ޚަރިޖީ ސިޔާސަތެއްވިޔަސް، ޤައުމުގެ ޚާރިޖީ ސިޔާސަތައް ނުރައްކާވާގޮތަށް ކަންކަން ކޮށްފައި ތިބި ބޭފުޅުންނަށް އެފަދަ ކަމެއް ނުކުރުމަށް ވަލީއްޔުލްޢަމުރު ނަސޭހަތްތެރިވާންޖެހޭ ދުވަސްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ މިނިވަން ދުވަހުގެ ތަޤުރީރަކީ " މެންބަރު ޝުޖާޢު ވިދާޅުވިއެވެ.
މެންބަރު ޝުޖާޢު ވިދާޅުވީ މާޒީގެ ތެރެއިން ފެންނަނީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ދެ ދައުރުގެ ތެރޭގައި ޤައުމުގެ މިނިވަންކަން ނުރައްކާވާ ހާލަތަކަށް ދިޔަ މަންޒަރުކަމަށެވެ.
ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޔަހޫދީ ދައުލަތާއި ގުޅުން ބަދަހިކުރިކަމީ ދިވެހި ތާރީޚުގެ ތެރެއިން ފެންނަން އޮތް ހަގީގަތެއްކަމަށެވެ. މިއަދު އެމްޑީޕީގެ ޚާރިޖީ ސިޔާސަތު މިކަމުގައި ބަދަލުވެއްޖެ ނަމަ، އެކަން ރައްޔިތުންނަށް އިއުލާންކޮށް ރައްޔިތުން ކިބައިން މަޢާފަށް އެދެން ޖެހޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
އަދުގެ ސަރުކާރުގެ ސިޔާސަތުތަކަކީ އެއްވެސް ވަރަކަށް ވަކި ފަރާތަކަށް ބުރަނުވެ އޮތް ސިޔާތެއްކަން ފާހަގަކުރައްވާ މެންބަރު ޝުޖާއު ވިދާޅުވީ ދިވެހި ޚާރިޖީ ސިޔާސަތު ހުރިހާ ޤައުމަކުންވެސް ބަލައިގަނެފައިވާކަން މިއަދު ފެންނަމުންދާ ކަމަށެވެ.
"ވަކި ޤައުމެއްވީމަ ދުރުކުރައްވާ، ވަކި ޤައުމެއްވީމަ ކައިރިކުރައްވާ ވަކި ޤައުމަކާއެކު މާ ގާތްގުޅުމެއް ބާއްވާ، ވަކި ޤައުމެއް ވީމަ ދުރުކުރައްވާ، މި ސިޔާސަތެއް އަޅުގަނޑުމެންނަކަށް ފެނިގެން ނުދޭ މިއަދަކު. ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް މޯލްޑިވްސް ފަސްޓް ސިޔާސަތާއި އެއްގޮތަށް މިއަދު ދިވެހި ދައުލަތް ހިންގަމުންދާތަން އަޅުގަނޑުމެންނަށް މިފެންނަނީ " މެންބަރު ޝުޖާޢު ވިދާޅުވިއެވެ.
މެންބަރު ޝުޖާޢު ވިދާޅުވީ މިއަދު ދިވެހި ޚާރިޖީ ސިޔާސަތު ވަކި ފަރާތަކަށް ބުރަނުވެ ހިންގިދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުން ސާބިތުކޮށްދެމުންދާ ކަމަށެވެ. އަދި އެއްވެސް ޤައުމަކާއި ގުޅުން ގޯސްވެ އެހީތެރިކަން ނުލިބިގެން އުޅޭ މަންޒަރެއް ނުފެންނަ ކަމަށާއި މިހާރު ފެންނަނީ ހުރިހާ ޤައުމެއްގެވެސް މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ދެއްވަންޖެހޭ ޔަޤީންކަން ދެއްވަމުންދާ މަންޒަރު ކަމަށް ޝުޖާއު ވިދާޅުވިއެވެ.