ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރި ލީޑަރުން ކޮންޓްރޯލްކުރާ ސޮމާލިޔާ ފަދަ ނާކާމިޔާބު ދައުލަތަކަށް ސޫރިޔާ ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އދ. އާއި އަރަބި ލީގުން ސޫރިޔާއަށް ކަނޑައެޅި ކުރީގެ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ދީރުޝްބީގަލް މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައި އިބްރާހީމީ ވިދާޅުވީ ހަނގުރާމަވެރިންގެ އަތްދަށަށް ސޫރިޔާ ދިޔުމަކީ އެގައުމުގެ ހާލަތު މިހާރަށްވުރެ އެތައް ގުނައެއް ނުރައްކާވާނެ ކަމެއް ކަމަށާ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސޫރިޔާގެ ދައުލަތް ރޫޅި ސޫރިޔާއަކީ އަވަށްޓެރި ގައުމުތަކުގެ އަމަނާއި ސަލާމަތަށް އޮތް ހަގީގީ ނުރައްކަލަކަށް ވެގެން ދާނެ ކަމަށެވެ. ސޫރިޔާގެ މައްސަލަ ނުރައްކާތެރި ހާލަތަކަށް މިހާރު ގޮސްފައިވަނީ ލީބިޔާއާއި މިސްރާއި ތޫނިސްގެ ކުރީގެ ވެރިކަމުގެ ނިޒާމުތައް ވެއްޓިގެންދިޔަ ގޮތަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަންވެސް ފަސޭހައިން ވެއްޓިގެންދާނެ ކަމަށް ލަފާކޮށް ދުނިޔޭގެ ބާރުތަކުންނާއި އަވަށްޓެރި ގައުމުތަކުން ސޫރިޔާގެ ހަނގުރާމަވެރިންނަށް ފައިސާއާއި ހަތިޔާރާއި އެނޫންވެސް އެހީތައް ފޯރުކޮށް ދިނުމުގެ ސަބަބުން ކަމަށް އިބްރާހީމީ ވިދާޅުވިއެވެ.
އެގައުމުތަކުން ސޫރިޔާގެ ހަނގުރާމަވެރިންނަށް އެހީތެރިވުމުގެ ބަދަލުގައި ސޫރިޔާއަށް ސުލްޙަ ގެނައުމަށް މަސައްކަތް ކުރިނަމަ ސޫރިޔާގެ ހާލަތު މިހިސާބަށް ނުދާނެ ކަމަށްވެސް އިބްރާހީމީ ވިދާޅުވިއެވެ.