ވިޔަފާރި

ބޭރަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން މީހަކަށް 500 ޑޮލަރު ވިއްކަނީ





 


ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، މީހަކަށް ފަސްސަތޭކަ ޑޮލަރުގެ މަގުން، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ޑޮލަރު  ވިއްކަން ފަށައިފިއެވެ.  


 
ބީއެމްއެލްގެ މާކެޓިން ޑިރެކްޓަރ ރިފްޢަތު މުހައްމަދު ވިދާޅުވީ، މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގްސަދުގައި އެމްއެމްއޭ އާ ގުޅިގެން ފަށާފައިވާ ޚާއްސަ މަސައްކަތެއް ކަމަށެވެ.  


 
ރިފްއަތު ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 ހުން 2:00 އަށް، ބީއެމްއެލްގެ މެއިން ބްރާންޗްގެ ތިންވަނަ ފަންގިފިލާއިން ޑޮލަރު ވިއްކަމުން ގެންދާނެ ކަމަށެވެ. އަދި ޑޮލަރު ގަންނަން ވަޑައިގަންނަވާއިރު ޓިކެޓުގެ އިތުރުން، ޕާސްޕޯޓު ނުވަތަ އައިޑީ ކާޑު ގެންނަން ޖެހޭކަން ރިފްއަތު ފާހަގަކުރެއްވިއެވެ.


 
 


ރިފްއަތު ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމެއްގެ ދަށުން ޑޮލަރު ވިއްކަމުން ދިޔަނަމަވެސް އެހެނިހެން  ބޭނުން ތަކަށް ޑޮލަރު ގަންނަ ފަރާތްތަކަށް ޑޮލަރު ވިއްކުން ހަމަ ކުރިއެކޭވެސް އެއްގޮތަށް އެހެން ބްރާންޗް ތަކުން ކުރިއަށްދާނެ ކަމަށެވެ.




ރާއްޖެއިން ބޭރަށްފުރާ ފަރާތްތަކަށް ޚާއްސަ އިންތިޒާމް ތަކެއްގެ ދަށުން ޑޮލަރު ވިއްކުމަށް ނިންމެވީ، މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން، ޑޮލަރުގެ ޑިމާންޑް އިތުރުވެފައިވާތީކަމަށް ރިފްއަތު ވިދާޅުވިއެވެ.