ކުޅިވަރުގެ ޤާނާނުގެ ދަށުން އަށް އެސޯސިއޭޝަނެއް ސްޕޯރޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީކޮށްފިއެވެ.
ރަޖިސްޓްރީކުރި އަށް އެސޯސިއޭޝަނަށް ޔޫތް މިނިސްޓަރ އިރުޠިޝާމް އާދަމް ވަނީ މިއަދު ރެޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކުރައްވާފައެވެ. ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި ކޮމިޝަނަރ އޮފީހުގައި މިއަދާ ހަމައަށް ރަޖިސްޓްރީ ކުރި އެސޯސިއޭޝަންތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ އެސޯސިއޭޝަންކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަނާއި، ވޮލީބޯޅަ އެސޯސިއޭޝަން ނުހިމެނެއެވެ.
މިއަދު ރަޖިސްޓްރޭޝަން ލިބުނު އެސޯސިއޭޝަންތަކަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަން، ކްރިކްޓް ބޯޑް، ނެޓްބޯޅަ އެސޯސިއޭޝަން، އެތްލެޓިކްސް އެސޯސިއޭޝަން، ސްވިމިންގ އެސޯސިއޭޝަން، ހޭންޑްބޯޅަ އެސޯސިއޭޝަން، ބަށިބޯޅަ އެސޯސިއޭޝަން، އަދި ބެޑްމިންޓަން އެސޯސިއޭޝަނެވެ. ސްޕޯރޓްސް ކޮމިޝަނަރ އަހުމަދު ނަޝީދު ވިދާޅުވީ ތިން ފަހަރެއްގެ މަތީން 135 ދުވަސް ރަޖިސްޓްރީވުމަށް އެސޯސިއޭޝަންތަކަށް ދެވިއްޖެކަމަށެވެ. ތިންވަނަ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހަމަވާއިރު ރަޖިސްޓްރީ ކުރަން ހުށަނާޅާ އެސޯސިއޭޝަންތަކަށް ވާނެ ގޮތުގެ ޤާނޫނީ ލަފައަކަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
" މިސާލަކަށް ޕްރިމިއަރ ލީގުގައި އޮތް ޓީމެއް، ވިހީގެ ފަހުން ރަޖިސްޓްރީނުކޮށް ކުޅެފިއްޔާ ( އަޅުގަނޑަށް ވިސްނޭ ގޮތުގައި، އެހެންވެގެން އޭޖީގެ ލަފައަކަށްވެސް އެދިފަވާނީ ) އެފްއޭއެމްވެސް، ރަޖިސްޓްރީނުވެ ކުޅެން އުޅޭ ކްލަބްވެސް އަދި އަޅުގަނޑުމެންވެސް ކުށްވެރިވޭ. އެފުރުޞަތު ދީގެން ނުވާނެ. އެހެންވީމާ އޭޖީގެ ލަފައަކަށް އެދިފަވާނީ. މިއަދު ލަފައެއް ލިބޭނެކަމަށް އުއްމީދުކުރެވެނީ " ސްޕޯރޓްސް ކޮމިޝަނަރު ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/15029609759332.jpg|މިއަދު ރެޖިސްޓްރޭޝަން ދެއްވި އެސޯސިއޭޝަންތަކުގެ ބޭފުޅުންނާއެކު ޔޫތް މިނިސްޓަރާއި، ސްޕޯރޓްސް ކޮމިޝަނަރ: ފޮޓޯ-ޔޫތް މިނިސްޓްރީ
މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ބެލި ނަމަވެސް އެކިއެކި ކްލަބް ޖަމްއިއްޔާތަކުގެ އެކި ބަދަލުތައް އަންނަމުންދާކަމަށާއި، މިފަދަ ބަދަލުތައް އަންނަނީ ހަމައެކަނި ރާއްޖެއަށް ނޫންކަމަށެވެ. އެހެންކަމުން ހުރިހާ އެސޯސިއޭޝަންތަކުވެސް ކާމިޔާބީއަށް ވިސްނަވާ ރެޖިސްޓްރޭޝަންގެ މަރުހަލާވެސް އަވަހަށް ނިންމެވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
" ބައިނަލްއަޤްވާމީ ގޮތުންވެސް، އެކި ޤައުމުތަކަށް ބައްލަވާލެއްވިޔަސް އެކިއެކި ކްލަބް ޖަމްއިއްޔާތަކުގެ އެކިއެކި ބަދަލުތައް އެބަހުރޭ އައިސްސަ. ދިވެހިރާއްޖެ އެކަންޏެއްނޫން ބަދަލުތައް އަންނަނީ އަދި މެނޭޖްމަންޓް ބަދަލުވަނީވެސް " މިނިސްޓަރ ވިދާޅުވިއެވެ.
ބައެއް އެސޯސިއޭޝަނުން މިހާރުވެސް ރަޖިސްޓްރޭޝަނަށް އެދި ހުށައަޅުއްވާފައިވާކަމަށް ސްޕޯރޓްސް ކޮމިޝަނަރ މިއަދު ވިދާޅުވިއެވެ.