ޚަބަރު

މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 58.4 މިިލިޔަން ރުފިޔާގެ އެހީ


  • އަލަށް 169 މީހުން ރަޖިސްޓަރީވެފައިވޭ

  • ދަފްތަރުގެ 15،665 މީހުން ހިމެނޭ

  • އެއީ 9،057 ފިރިހެނުންނާއި 6،608 އަންހެނުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން މިދިޔަ މަހު 58.4 މިިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދީފިއެވެ. މިއީ މިދިޔަ ޖުލައި މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި ޖުލައި މަހު ދޫކުރީ 56.8 މިލިޔަން ރުފިޔާއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަލަށް 169 މީހުން ރަޖިސްޓަރީވެ، އެ ދަފްތަރުގެ އަދަދު ވަނީ 15،665 އަށް އަރާފައެވެ. އެންސްޕާއިން މިދިޔަ މަހު އެހީ ދޫކޮށްފައިވަނީ 15،498 ފަރާތަކަށެވެ. މި ފަރާތްތަކަށް 58،368،000 ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންގެ ތެރޭގައި 9،057 ފިރިހެނުންނާއި 6،608 އަންހެނުން ހިމެނެއެވެ. އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 3،889 އަންހެނުންނާއި، 4،055 ފިރިހެނުން ހިމެނޭނެހެން ޖުމުލަ 7،944 މީހުންނެވެ.

ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތިތަކަށް ބަލާއިރު އެންމެ ގިނަ މީހުން ރަޖިސްޓަރކޮށްފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެންނެވެ.

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތި:

- ޖިސްމާނީ ނުކުޅެދުންތެރިކަން: 4240 މީހުން
- މަލްޓިޕަލް ޑިސްއެބިލިޓީ: 3548 މީހުން
- ސިކުނޑީގެ ނުކުޅެދުންތެރިކަން: 1812 މީހުން
- ނަފްސާނީ ނުކުޅެދުންތެރިކަން: 2508 މީހުން
- އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: 1869 މީހުން
- ފެނުމުގެ ނުކުޅެދުންތެރިކަން: 1033 މީހުން
- އޯޓިޒަމް: 594 މީހުން
- އުނގެނުމުގެ ނުކުޅެދުންތެރިކަން: 61 މީހުން

މިދިޔަ މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް 499 ފަރާތަކަށް 8،132،665 ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ 364 ފިރިހެނުންނަށާއި 135 އަންހެނުންނަށެވެ.

ތެރަޕިއުޓިކް ފަރުވާއަށް ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު

- ބިހޭވިއަރ ތެރަޕީ: 140 މީހުން (2.7 މިލިޔަން ރުފިޔާ)
- އޮކިއުޕޭޝަނަލް ތެރަޕީ: 145 މީހުން (2.1 މިލިޔަން ރުފިޔާ)
- ސައިކޯ ތެރަޕީ: 11 މީހުން (88،500 ރުފިޔާ)
- އަރލީ އިންޓަރވެންޝަން: 5 މީހުން (30،600 ރުފިޔާ)
- ސްޕީޗް ތެރަޕީ: 113 މީހުން (1.9 މިލިޔަން ރުފިޔާ)
- އެޑިއުކޭޝަނަލް ތެރަޕީ: 73 މީހުން (1.1 މިލިޔަން ރުފިޔާ)
- ފިޒިއޯ ތެރަޕީ: 10 މީހުން (139،436 ރުފިޔާ)

މި އެހީ ހަމަޖައްސައިދިން އުމުރުފުރާއަށް ބަލާއިރު 18 އަހަރުން ދަށުގެ 481 ކުދިން ހިމެނެއެވެ. އަދި އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 18 މީހެއްވެސް ހިމެނެއެވެ.