ޚަބަރު

ހަލާލް ޓޫރިޒަމް ފުޅާކުރުމަށް އޭޓީއެމް ފެއާގެ ތެރެއިން މުހިންމު މަޝްވަރާތަކެއް


  • ހަލާލް ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަން ފާހަގަކުރެއްވި

  • މިއީ ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވި

ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް، އޭޓީއެމް ފެއާގެ ތެރެއިން މުހިންމު މަޝްވަރާތަކެއް ކުރަމުންދާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވެއްޖެއެވެ.

ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ޚާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކަށް ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލް ޓުއަރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލް ކެއުމާއި ބުއިންތައް ލިބެން ހުރުމާއި، ވަކި ޚިދުމަތްތައް ލިބެން ހުރެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، މިއަހަރުގެ މި ފެއާގެ ތެރެއިން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވެމުންދާކަމަށެވެ.

އެގޮތުން ފެއާގެ ތެރެއިން ކުރިއަށްގެންދާ ބީޓުބީ މީޓިން ތަކުގައި ހަލާލް ޓޫރިޒަމަށް ޑިމާންޑް އޮންނަ ވަރާއި، ހަލާލް ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މެދުއިރުމައްޗަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ސަރަޙައްދަކަށް ވުމާއެކު، ހަލާލް ޓޫރިޒަމް ރާއްޖޭގައި ފުޅާވެފައިއޮތުމަކީ މިހާރުވެސް މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިންގެ އެދުމެއްކަން ޔާސިރު ފާހަގަކުރެއްވިއެވެ.

ޔާސިރު ވިދާޅުވީ، މިހާރުވެސް ހަލާލް ލައިފްސްޓައިލަށް ސަޕޯޓުކުރައްވާ ގިނަ އަދަދެއްގެ ކްލައިންޓުން ތިބިކަމަށެވެ. އޭގެތެރޭގައި ހުޅަނގުގެ ގައުމުތަކުގައި އުޅޭ މުސްލިމް ލައިފްސްޓައިލަށް ލޯބިކުރާ ފަރާތްތައްވެސް ހިމެނޭކަން ޔާސިރު ފާހަގަކުރެއްވިއެެވެ.

"މެދުއިރުމައްޗަކީ ވަރަށް ބޮޑު މުސްލިމް އާބާދީއެއް އޮންނަ ހިސާބެއް. އަޅުގަނޑުމެންގެ ހަލާލް ފަތުރުވެރިކަމުގެ ހުށަހެޅުމަކީ މުޅި ދުނިޔެއަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭނެ ޕްރޮގްރާމެއް. ހަލާލް ފަތުރުވެރިކަމުގެ ޝައުޤުވެރިކަން މިހާރު އޮންނަނީ. ހަލާލް ލައިފްސްޓައިލަށް ސަޕޯޓުކުރައްވާ ގިނަ އަދަދެއްގެ ކްލައިންޓުން އެބަތިބި. އޭގެތެރޭގައި ހުޅަނގުގެ ގައުމުތަކުގައި އުޅޭ މުސްލިމް ލައިފްސްޓައިލަށް ލޯބިކުރައްވާ ބޭފުޅުންވެސް އުޅޭނެ. އިންޑިއާގަވެސް ހަލާލް ފަތުރުވެރިކަމަށް ޝައުޤުވެރިކަން އުފެދޭ ބޮޑު އާބާދީއެއްވޭ. އިންޑޮނޭޝިއާގައިވެސް ބޮޑު އާބާދީއެއްވޭ. އެހެންވީމަ ހަލާލް ފަތުރުވެރިކަމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބަ ދައްކުވައިދޭ ވަރަށް ގިނަ ފަރާތްތަކުން". ޔާސިރު ވިދާޅުވިއެވެ.

އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާއެވެ. މިއީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ބާއްވާ މުހިންމު ފެއާއެކެވެ.

މިފަދަ ފެއާއެއްގެ ތެރެއިން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަޝްވަރާކުރެވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ޤަބޫލުކުރައްވައެވެ.