ޚަބަރު

ސަޢޫދީން 110 މިލިޔަން ޓަނުގެ ޔުރޭނިއަމާއި 'ތަދު' މައުދަން ފެނިއްޖެ


ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ސަރަޙައްދުން، ޔުރޭނިއަމާއި އަގުބޮޑު 'ރެއާ އަރތު' ނުވަތަ ލިބުންދަތި މައުދަންތައް އެކުލެވޭކަމަށް އަންދާޒާކުރެވޭ 110 މިލިޔަން ޓަނުގެ ރޯ މެޓީރިއަލް ފެނިފައިވާކަން އެ ޤައުމުގެ ހަކަތައާ ބެހޭ ވަޒީރު އަމީރު ޢަބްދުލްޢަޒީޒް ބިން ސަލްމާން ހާމަކުރައްވައިފިއެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި ވަނީ އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ އެޓޮމިކް ހަަކަތައާބެހޭ ބައިނަލްއަޤުވާމީ އިދާރާގެ (އައިއޭއީއޭ) 70 ވަނަ ޢާންމު ޖަލްސާގައެވެ. މަދީނާގެ ޖަބަލް ޞާޔިދުގައި ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާ ގޮތުގައި، މި ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ބަރު ރެއާ އަރތު މައުދަންތަކާއި، ޔުރޭނިއަމް އެކުލެވިގެންވެއެވެ.

މި އައު ހޯދުން ހާމަކުރެވުނީ މަދަނީ ނިއުކްލިޔަރ ހަކަތައިގެ އެއްބަސްވުމެއްގައި ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން ޖުލައި 22 ގައި ސޮއިކުރިތާ މަސްތަކެއް ފަހުންނެވެ. މި މަސައްކަތްތަކަށް އިތުރު ބާރެއް ލިބުނީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން 2025 ގެ ނޮވެންބަރުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައި ކަމުގައި ވަޒީރު ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ. އެ ދަތުރުފުޅުގައި ޤާއިމުކުރި އެއްބަސްވުމުގެ ދަށުން، ސަޢޫދީ ޢަރަބިއްޔާގައި ހަދާ އައު ރެއާ އަރތު ޕްލާންޓުގެ %49 ޚަރަދު އެމެރިކާގެ ދިފާޢީ ވުޒާރާއިން ދޭނެއެވެ. އަދި، މި ޕްލާންޓުގެ %51 ހިއްސާ އޮންނާނީ ސަޢޫދީ ޢަރަބިއްޔާގެ މައިންކުރުމާ ބެހޭ ދައުލަތުގެ ކުންފުނި ކަމުގައިވާ މަޢާދިން ކުންފުންޏަށެވެ.

ޖިއްދާގެ އިރުއުތުރުން 350 ކިލޯމީޓަރު ދުރުގައި އޮންނަ ޖަބަލް ޞާޔިދަކީ، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު މި ފަދަ ޑިޕޮސިޓް ކަމުގައި ދިރާސާއަކުން ދައްކައެވެ. އެ ތަނުގައި 552،000 ޓަނުގެ ބަރު ރެއާ އަރތާއި، 355،000 ޓަނުގެ ލުއި ރެއާ އަރތުގެ އިތުރުން 31،000 ޓަނުގެ ޔުރޭނިއަމް ހުރި ކަމަށް ލަފާކުރެވެއެވެ. މިއީ، ސަޢޫދީ ޢަރަބިއްޔާގެ އަމިއްލަ ނިއުކްލިޔަރ ފިއުލް ސައިކަލް ތަރައްޤީކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި ދާރިސުން ފާހަގަކުރެއެވެ.

ވަކިން ޚާއްޞަކޮށް، ސަޢޫދީ ޢަރަބިއްޔާގެ މި ފަދަ ހޯދުންތަކުގެ އަގު 2025 ގެ ނޮވެމްބަރާ ހަމައަށް 100 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް ސަޢޫދީ ޕްރެސް އޭޖެންސީން ހާމަކުރެއެވެ. މިއީ، 2018 ވަނަ އަހަރާ އަޅާބަލާއިރު %90 ކުރިއެރުމެކެވެ. މީގެ އިތުރުން، ދިރާސާތަކުގެ ކުރިއަރާފައިވާ މަރުޙަލާގައިވާ ދެ ސަރަޙައްދަކުން 644 މިލިޔަން ޓަނުގެ ވަސީލަތް ފެނިފައިވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޖިއޮލޮޖިކަލް ސާވޭގެ ރިޕޯޓުތައް ބުނެއެވެ.