ނާޒުކު ތިމާވެށްޓެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. މިމައްސަލަ ރާއްޖެއަށް ކުރިމަތިވާން ފަށާފައިވަނީ ފާއިތުވެދިޔަ ސާޅީސް އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްޤީ އާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެނެވެ. މިގޮތުން ބައިނަލްއަޤްވާމީ ދުނިޔެއެކޭ އެއްފަދައިން ރާއްޖޭގައިވެސް އަމިއްލައަށް ފަނާނުވާ ޒާތުގެ ކުނި އުފެދޭ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
ރާއްޖޭގައި ކުނި އުފެދޭ ގޮތްތަކާއި މިންވަރަށް ބަލާއިރު އެވްރެޖްކޮށް މާލޭގައި ދުވާލަކު ބޮލަކަށް 1.7 ކިލޯގްރާމް، ކުނި އުފެދެއެވެ. މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ދުވާލަކު ބޮލަކަށް 0.8 ކިލޯގްރާމް ކުނި އުފެދޭއިރު، ރިސޯޓްތަކުގައި ކޮންމެ ގެސްޓް ނައިޓަކަށް 3.5 ކިލޯގްރާމް ކުނި އުފެދޭކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އެވްރެޖްކޮށް ކުނި އުފައްދާ ނިސްބަތާއި ގާތްކުރާ މިންވަރެއްކަން ފާހަގަކޮށްލެވެއެވެ.
ކުނީގެ މައްސަލައަކީ ދިވެހިރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ވާއިރު، ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ބިނާވެފައި އޮތީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ މައްޗަށް ކަމުގައި ވުމުން، ދެމެހެއްޓެނެވި ތަރައްޤީގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ރަނގަޅުގޮތުގައި ކުނި މެނޭޖްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ.
img:http://s4.psmnews.mv/images/660x400/14870010308629.jpg|މާލޭގެ ކުނި ކަލެކްޓްކުރުމަށް ބޭނުންކުރާ ވެހިކަލް ޢާއްމުކޮށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ވެމްކޯ
އެންވަޔަރްމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް އެންމެހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު އެ ދެޞިނާޢަތަކަށް ބަރޯސާވެފައިވާ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަލާލިއަސް އެސިނާޢަތްތައް ކުރިއަރުވާ ދެމެހެއްޓުމުގައި، ތިމާވެށި ޙިމާޔަތްކުރުމަކީ މުހިންމު ކަމެކެވެ. ސާފު ރާއްޖެއަކަށް މިރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަން ފަށާފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އެންވަޔަރްމަންޓް މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލައާމެދު ޢާއްމުން ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުނި މެނޭޖްކުރުމާއި، ރީސައިކަލް ކުރުމާއިބެހޭ މަޢުލޫމާތުތައް ސްކޫލްތަކަށް ދެއްވަމުންދާކަމަށެވެ.
ކުނީގެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ވޭސްޓް މެނޭޖްމަންޓް ޕޮލިސީއެއް އެކުލަވާލައްވާފައެވެ. މިޕޮލިސީގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ސެންޓަރުތަކެއް ޤާއިކުރެއްވުމުގެ މަސައްކަތްތައްވެސް މިނިސްޓްރީން ދަނީ ކުރައްވަމުންނެވެ.