ޚަބަރު

ހުޅުމާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ފެއަރއެއް ބާއްވަނީ


ހުޅުމާލޭގައި ހުރި ވަޒީފާގެ ފުރުޞަތަކާގުޅޭ މަޢުލޫމާތު ދިނުމަށް ހުޅުމާލޭގައި ޖޮބް ފެއަރއެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

މިއީ ހުޅުމާލޭގައި މިގޮތަށް ބާއްވާ ފުރަތަމަ ފެއާރއެވެ. "ޔޫތް ކެރިއަރ އެކްސްޕޯ 2017" ގެ ނަމުގައި މިފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ރެހެންދި ސްކޫލްގައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ހިއުމަން ރިސޯސް ޑިރެކްޓަރ އަޙުމަދު ފާތިޙު ވިދާޅުވީ، މިފަދަ ފެއަރއެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ޢާންމުނާ ހަމަޔަށް ފޯރުކޮށްދީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ، ހުޅުމާލޭގައި ހުރި އެކި މުއައްސަސާތަކުން މިފެއަރގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފެއަރ އިންތިޒާމު ކުރެއްވުމުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށް ފާތިޙު ވިދާޅުވިއެވެ. 

ޔޫތް ކެރިއަރ އެކްސްޕޯ 2017 ބޭއްވުމަށް ހަމަޖެހިފައިވަނީ އެޗްޑީސީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ކަމަށް އެޗްޑީސީން ބުނެއެވެ.