ޚަބަރު

ކިނޮޅަހުގައި ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކާއެކު ޝަކުވާތަކަށް ނިމުމެއް


  • ފުޓްސަލް ދަނޑާއި ވޮލީދަނޑުގެ މަސައްކަތް ކުރިއަށް

  • އައުޓްޑޯ ޖިމް އަދި އިންޑޯ ޖިމް ޤާއިމުކޮށް ނިމިފައި

ރ. ކިނޮޅަހަކީ ކުޅިވަރަށް ލޯބިކުރާ، އަދި އަތޮޅު ފެންވަރާއި ޤައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީތަކެއް ކުޅިވަރުގެ ރޮނގުން ހޯދަމުން އަންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. މިއާއެކު ސަރުކާރުން އަންނަނީ އެރަށުގައި ކުޅިވަރުގެ ވަސީލަތްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކިނޮޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސައިން ވިދާޅުވީ އެހެން ސަރުކާރަކުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް އިސްކަން ނުދޭ މިންވަރަކަށް މި ސަރުކާރުން އިސްކަންދެއްވާކަމަށެވެ.

"ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން އެހީތެރިކަން ނުލިބޭ މިންވަރަކަށް އަޅުގަނޑުމެންނަށް މިހާރު އެބަ ލިބެމުންދޭ." ކިނޮޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސައިން ވިދާޅުވިއެވެ.

އެރަށުގައި އެންމެ ހަލުވި ދުވެލީގައި ކުރިއަށްދާ އެއް މަސައްކަތަކީ އެރަށުގެ ފުޓްސަލް ދަނޑު ތަރައްޤީކުރުމެވެ.

އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިއަށގެންދާ މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް އެރަށުގައި މުޅިން އަލަށް ފުޓްސަލް ދަނޑެއް ޤާއިމުކުރެވޭނެއެވެ. މީގެ ކުރިން، އެރަށުގައި ޤާއިމުކޮށްފައިވަނީ ވަރަށް ކުޑަ ފުޓްސަލް ދަނޑެކެވެ. އެ ދަނޑު ހަލާކުވެ، ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ދަނޑެއް ނެތުމަކީ އެރަށުގެ ޒުވާނުންގެ ކަންބޮޑުވުމެކެވެ.

ކިނޮޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސައިން ވަނީ ފުޓްސަލް ދަނޑެއް ނެތުމުން ދިމާވާ އުނގަދޫތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި އުދަނގޫތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

"މިރަށުގައި އަޅާފައި އޮތީ 2015 ނޫނީ 2016 ހިސާބުގައި، ވަރަށް ކުޑަ ކުޑަ ދަނޑެއް. އެ ދަނޑުގެ ޕިޗު ހަލާކުވެފައި އޮންނަތާވެސް ކިތަންމެ ދުވަހެއް. އަޅުގަނޑުމެން 2 އަތޮޅު މުބާރާތެއްވެސް ކުޅެފިން. އެހެންނަމަވެސް އަޅުގަނޑުމެން ޕްރެކްޓިސް ކުރަންވެސް ދާން ޖެހެނީ ޖެހިގެން އޮންނަ ރަށަށް. އެހާލުގައި ގޮސްގެން ހަމަ ސަރުކާރަށް ހުރިހާ ވާހަކަތަކެއް ކިޔައިދެމުން ދިޔައިން. އެހެންވީމަ މިހާރު އެންމެ ރަނގަޅަށް ކުރިއަށްގެންދާ އެއް ޕްރޮޖެކްޓް އެއީ ފުޓްސަލް ދަނޑުގެ މަސައްކަތް." ކިނޮޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސައިން ވިދާޅުވިއެވެ.

ފުޓްސަލް ދަނޑު ޤާއިމުކުރުމުގެ މަސައްކަތްތަކުގެ އިތުރުން، އެރަށުގެ ވޮލީކޯޓާއި ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދެއެވެ. އަދި އެރަށުގައި މުޅިން އަލަށް، އައުޓްޑޯ ޖިމަކާއި އިންޑޯ ޖިމެއްވެސް ސަރުކާރުން ވަނީ ޤާއިމުކޮށްދީފައެވެ.

މި މަސައްކަތްތައް ނިމުމާއެކު މި ކުޅިވަރު ވަސީލަތްތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ހަށިހެޔޮކަމުގެ ދާއިރާއިން އެތައް ގޮތަކުން މަންފާ ލިބިގެންދާނެއެވެ. އަދި އެރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރޮންގުން އިތުރު ކާމިޔާބީ ހޯދުމަށާއި، ކުޅިވަރުގެ ފަންނުވެރިން އުފެއްދުމަށްވެސް މަގުފަހިވާނެއެވެ.