ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ޣައިރުޤާނޫނީ ގޮތުގައި ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުންދިޔަ ފަލަސްޠީނުގެ އާންމު ރައްޔިތުންނަށާއި، ވިލާތުގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންގެ ވަފްދެއްގެ އިތުރުން ފަރަންސޭސިވިލާތުގެ މޭޔަރަކަށް، ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން އަނިޔާވެރި ހަމަލާތަކެއް ދީފިއެވެ.
މިއީ އެމެރިކާގެ ފޮޓޯޖާނަލިސްޓަކަށް ހަމަލާދީ ޒަޚަމްކޮށްލިތާ ވިދިގެން އައި ދުވަހު ހިންގި ނާތަހުޒީބު އަދި އަނިޔާވެރި ޖަރީމާއެކެވެ.
ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރެވޯ ވިދާޅުވި ގޮތުގައި، މި ހަމަލާ އަމާޒުވި ފަރާތްތަކުގެ ތެރޭގައި ފަލަސްޠީނުގައި ހުންނަވާ ބެލްޖިއަމްގެ ކޮންސުލް ޖެނެރަލާއި، ފަރަންސޭސިވިލާތުގެ އަދި ޕޮލެންޑުގެ ޑިޕްލޮމެޓުން ހިމެނެއެވެ. އަދި ބެލްޖިއަމްގެ ޑިޕްލޮމެޓިކް އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިސްތިއުމާރީ ބާރުގެ ހައިސިއްޔަތުން، ފަލަސްޠީނުގެ ރައްޔިތުންނާއި، ޑިޕްލޮމެޓުން އަދި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޔަހޫދީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އަދި މި ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެ،" ޕްރެވޯ ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވި ފަރަންސޭސިވިލާތުގެ އޮލްނޯއީ-އައިމެރީސްގެ މޭޔަރު ބަރނާޑް ބައުޑޫ، ރޮއިޓަރސް ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާއަށް ހަމަލާދީފައިވަނީ ތައިބޭ އަވަށުގެ ރައްޔިތުންނާ އެކު ޒައިތޫނި ބިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް ކަމަށެވެ. އަދި އެމީހުން އޭނާ ބިންމައްޗަށް ވައްޓާލައި ޖިސްމާނީ އަނިޔާކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާއާ ގުޅިގެން ޔަހޫދީންގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރ ވަނީ ޑިޕްލޮމެޓުންގެ ސަލާމަތަށްޓަކައި، އެ ދަތުރު ޔަހޫދީ ސިފައިންނާ ވިލަރެސްކުރަންޖެހޭނެ ކަމަށް ބުނެ، މިކަމުގެ ޒިންމާއިން ރެކެން މަސައްކަތްކޮށްފައެވެ.
ފަލަސްޠީނުގެ ނައިބު ރައީސް ޙުސައިން އަލް-ޝައިޚް މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން ވިދާޅުވީ، މިއީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ދުވަހުން ދުވަހަށް ހިންގަމުންދާ ނިރުބަވެރި ޖަރީމާތަކުގެ ކުޑަ މިންވަރެއް ކަމަށެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނު މީހުންނަށާއި، ބައިނަލްއަޤްވާމީ މަންދޫބުން އަދި ނޫސްވެރިންނަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން ދޭ މިފަދަ ލާއިންސާނީ ހަމަލާތައް ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިދިޔަ ހުކުރު ދުވަހުވެސް ވަޒަންވެރިން ދިން ހަމަލާއެއްގައި އެމެރިކާގެ ނޫސްވެރިޔަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ހަސްފަތާލުގައި ދަނީ ފަރުވާދެމުންނެވެ.
ޔަހޫދީންގެ ފުލުހުން މި މައްސަލަ ބަލަމުންދާ ކަމަށް ބުނި ކަމުގައިވިޔަސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، ފަލަސްޠީނުގެ ބިމުގައި ކުށްތަކަށް އަރައިގަންނަ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ޔަހޫދީ ދައުލަތުން އެއްވެސް ސިފައެއްގައި ކުރާ ކަމެއް ނޫނެވެ.