އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް 1 ނޮވެންބަރު އިން ފެށިގެން ބޭންކިންގ ޚިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ.
މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ. އެހެންކަމުން، އެއްވެސް ކަހަލަ ހުރަހެއް ނެތި ޚިދުމަތްތައް ބޭނުން ކުރުމަށް، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ފެސިލިޓީއަށް ފައިސާ ދައްކައި ޚަލާސްކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ފައިސާ ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ޚަލާސްކުރުމުން އެއް ދުވަސް ތެރޭގައި އަލުން ޚިދުމަތް ލިބޭނެއެވެ.
ކަސްޓަމަރުންގެ އެއްވެސް އޯވާޑިއުއެއް ވާނަމަ، ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ޚިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލުން އެސްއެމްއީ ޑިޖިޓަލްއިން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެއެވެ.
އިތުރު މައުލޫމާތު ނުވަތަ އެހީތެރިކަން ހޯއްދެވުމަށް، އެސްއެމްއީ ޑިޖިޓަލްގެ 1613 އަށް ގުޅުއްވައިގެން ލިބޭނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އެސްއެމްއީ ޑިޖިޓަލްއިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ތަފާތު އެކި ދާއިރާތަކުން ލޯނުތައް ދޫކުރަމުންނެވެ. އަދި މި ބޭންކުން ލޯނު ދޫކުރުމުގައި ވިޔަފާރި ފަށަން ބޭނުންވާ އަންހެނުންނަށް ޚާއްސަ އިސްކަމެއްދެއެވެ.