ޗެލްސީގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އޮޕަރޭޝަނެއް ކުރަންޖެހި, އެނރި އަންނަން ދެތިން ހަފްތާ ހޭދަވާނެ ކަމަށް ބުނެފިއެވެ.
މިސީޒަނުގައި ޗެލްސީއަށް ބަދަލުވި, އާޖެންޓީނާގެ އެއްވަނަ ކީޕަރަށް އަނިޔާވީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ވާދަކުރި މެޗުގައެވެ. އެވަޓަންގެ ޑިފެންޑަރު ޖެރާޑް ބްރަންތްވެއިޓްއާ ޖެހި އަނިޔާވީ މާޓިނޭޒްގެ ކޯ ކަށިގަނޑަށެވެ. ކޯކަށިގަނޑުގެ އޮޕަރޭޝަނެއް މިއަދުކޮށް, އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ދެތިން ހަފްތާ ހޭދަވާނެ ކަމަށް މާޓިނޭޒް ސޯޝަލް މީޑިޔާގައި ހިއްސާކުރި މެސެޖްގައި ބުނެފައި ވެއެވެ. ހޮސްޕިޓަލް ގައުންގައި އޮތް ފޮޓޯއާއެކު މާޓިނޭޒް ބުނީ މަދު ހަފްތާތަކެއްގެ ތެރޭގައި އޭނާ އެނބުރި އަންނާނެ ކަމަށެވެ.
34 އަހަރުގެ މާޓިނޭޒް އަށް އަނިޔާވީ ދެވަނަ ހާފްގައެވެ. ދަނޑުމަތީގައި 8 މިނިޓެއްހާއިރު ފަރުވާ ދިނުމަށްފަހު އަށިގަނޑުގައި ބާލައިގެން އޭނާ ގެންދިޔައީ ހޮސްޕިޓަލަށެވެ. 2-0 ން ޗެލްސީ މޮޅުވި އެމެޗަށް އިޝާރާތްކޮށް މާޓިނޭޒް ބުނީ އެންމެ މުހިއްމީ މޮޅުވުމާއެކު, ކޮޅަށް ގޯލެއް ނުވަނުން ކަމަށެވެ. އެކަން ފުރިހަމަވުމުން މާޓިނޭޒް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އޮޕަރޭޝަންގެ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށްވެސް އެސްޓަން ވިލާ ދޫކޮށް ޗެލްސީއަށް ބަދަލުވި ކީޕަރު ބުންޏެވެ.
މާޓިނޭޒްގެ ބަދަލުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ މައިކް ޕެންޑާސް އެވެ. އެމެޗަކީ 2024 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކީޕަރު ޕްރިމިއަރ ލީގުގައި ފުރަތަމަ މެޗެވެ. ޗެލްސީގެ ކުރިއަށް އޮތް ތިން މެޗުގައިވެސް ގޯލު ބެލެހެއްޓުން ގާތީ 21 އަހަރުގެ މައިކް އެވެ.
ޗެލްސީއަށް ކުރިއަށް އޮތީ ލީގުގައި ޓޮޓްނަމް އަދި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކުރާ މެޗާއި ކަރަބޯއާ ކަޕްގައި ލިވަޕޫލާ ވާދަކުރާ މެޗެވެ. އެމެޗު ތަކުގައި ގޯލު ބަލަހައްޓަން ތައްޔާރަށް ހުރި މައިކްއާ ގުޅޭގޮތުން ކޯޗު އަލޮންސޯ ބުނީ މާޓިނޭޒްގެ ބަދަލުގައި ނިކުމެވެސް މޮޅަށް ކުޅުނު ކަމަށާއި, ޓީމްގެ ފުރިހަމަ އިތުބާރު މައިކް އަށް އެބައޮތް ކަމަށެވެ.