ޚަބަރު

މީގެކުރިން ދުވަހަކުވެސް މުދާ އެތެރެނުކުރާ މިންވަރަށް ދަނީ މުދާ އެތެރެކުރަމުން: ވަޒީރު ސަޢީދު


  • ފަތުރުވެރިކަމުގެ ސިނާއަތުގައި އެކަނިވެސް 11 ބިލިޔަން ޑޮލަރުގެ މަޝްރޫއު ދަނީ ކުރިއަށް

  • 2028ގެ ނޮވެންބަރުގައި ފުލީ ފަންގްޝަނިން ޒަމާނީ ބަނދަރެއް ޤާއިމްވެގެންދާނެ

ދިވެހިރާއްޖެއަށް މީގެކުރިން ދުވަހަކުވެސް މުދާ އެތެރެނުކުރާ މިންވަރަށް މިހާރު މުދާ އެތެރެކޮށް އިޤްތިޞާދު ކުރިއަރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭ ވިޔަފާރި ބަނދަރަށް އަންނަޖެހޭ އެކަށީގެންވާ ބަދަލުތަކާއި ކުރިއެރުންތައް އައިސްފައި ނެތުމެވެ. ނަމަވެސް މާލެ ވިޔަފާރި ބަދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަނދަރު ތަރައްޤީކޮށް ނިމުނުތަނާ 40 އަހަރުވީއިރު ބަނދަރު ބޮޑުކުރަން ޖެހޭ ވާހަކަ ނުދައްކާ އެއްވެސް ސަރުކާރެއް މިހާތަނަށް އައިސްފައި ނުވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެކަން އަމަލީގޮތުން ކުރަންޖެހޭކަން ޤަބޫލުކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.

މި ބަނދަރުގެ މަސައްކަތް ޤާއިމްކުރުމަށްޓަކައި ސަރުކާރުން 3 ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ކޮންސޯޓިއަމްއެއް ވަނީ އުފައްދާފައެވެ. މިކަމުންވެސް ދޭހަވަނީ ސަރުކާރުން މި ޕްރޮޖެކްޓަށް ދެއްވާ ސަމާލުކަންކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބަނދަރު ތަރައްޤީކޮށް ނިމިގެންދާއިރު ބަނދަރުގައި ޒަމާނީ ވަސީލަތްތައް ޤާއިމްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2028ގެ ނޮވެމްބަރަށް ދާއިރު ހަމަ ފުލީ ފަންގްޝަނިން ޒަމާނީ ބަނދަރެއް ދިވެހި ވިޔަފާރިވެރިންނަށް ދިވެހިރާއްޖެއަށް ލިބިގެންދާނެ. މިއީ ރާއްޖޭގެ އިޤްތިޞާދު ޒަމާންތަކެއް ވަންދެން 4 ޑިކޭޑް ގާތްގަނޑަކަށް ހުއްޓިފައި އެ ދާންވާ ސްޕީޑްގައި ނުގޮސްއޮތް އެންމެ ބޮޑު މައްސަލައަށް ލިބޭ ހައްލު." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެއަށް ދުވަހަކުވެސް މުދާ އެތެރެނުކުރާ މިންވަރަށް މިހާރު މުދާ އެތެރެކުރަމުންދާކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުން މިސާލު ނަންގަވަމުން ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެކަނިވެސް ގާތްގަނޑަކަށް 11 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢު ހިނގަމުންދާކަމަށެވެ. އެހެންކަމުން މިވަގުތު އޮތް ބަނދަރުން މުދާ ބޭލުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު މިވަގުތުވެސް މިވާހަކަ ދައްކާއިރުގައި 3000 އެއްހައި ކޮންޓެއިނަރ އެބަހުރި. ނަމަވެސް ހަމަ އެއާއިއެކުގައި ލިބޭ އުފާވެރިކަމަކީ އިއްޔެއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރ ކާގޯ އެމްޕީއެލްއިލް ކުލިއަރކުރަންފެށި ދުވަސް. 5000 ކޮންޓެއިނަރ މިވަގުތުވެސް މާލޭ ބަނދަރުގައި އެބަހުރި. ކްލިއަރ ކުރުމުގެ ޕްރޮސެސްގެ ތެރޭގައި. ދިވެހިރާއްޖެއަށް ދުވަހަކުވެސް މުދާ އެތެރެނުކުރާ މިންވަރަށް މިހާރު މުދާ އެތެރެއެބަކުރޭ. އިމްޕޯޓްސް އެބަ އިތުރުވޭ. އިޤްތިޞާދުގައި ބުންވަރު ޖެއްސުމަށްޓަކައި ވިޔަފާރިވެރިން ކުރާ މަސައްކަތް އަދި އެއާއިއެކުގައި ރާއްޖެ ކުރިއަރާދާދިއުން އެބަ ފާހަގަކުރެވޭ." ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެއެވެ.