ޓްރާންސްފާ މާކެޓުގައި މި ހަފުތާގައި އެންމެ ބޮޑު ފޯރިއެއް ފެނިގެންދިޔައީ ކީޕަރުން ގަނެ ވިއްކުމުގަ އެވެ. މި ގޮތުން ޔުވެންޓަސްއިން މަސައްކަތް ކުރީ އެސްޓަންވިލާ އަށް ކުޅޭ އާޖެންޓީނާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒް ގަތުމަށެވެ. އޭނާ އަށް ވިލާއިން މިހާރު ދޭ 130000 ޕައުންޑްގެ މުސާރައިގެ ބަދަލުގައި ހަފުތާއަކު ދެ ލައްކަ ޕައުންޑް ދޭން ވެސް ޔުވެންޓަސް ތައްޔާރުވި އެވެ.
ނަމަވެސް ފަހު ވަގުތު ފެނުނީ ޔުވެންޓަސްއިން ޓޮޓެންހަމުގެ ކީޕަރު ވިކާރިއޯގެ ސޮއި ހޯދިތަނެވެ. މީގެ އިތުރުން ވިލާއިން ވަނީ ޖަޕާނުގެ ކީޕަރު ޒިއޮން ސުޒުކީ ލައްވައި ސޮއި ކުރުވައިފަ އެވެ. މިއާއެކު ވިލާގައި މާޓިނޭޒަށް އެއްވަނަ ކީޕަރުގެ މަގާމު ގެއްލޭނެ ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ. އެއީ ޔުވެންޓަސް ބޭނުންވާނަމަ މާޓިނޭޒް ވިއްކާލަން ވިލާއިން ތައްޔާރުވުމެވެ.
އެކަމަކު އެއްވެސް ބަދަލެއްނެތި އަނެއްކާ ވެސް ވިލާގައި މަޑުކުރަން ޖެހުމުން މާޓިނޭޒަށް މިވީ ކިހިނެތް ހެއްޔެވެ؟ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ޔުވެންޓަސްއިން މާޓިނޭޒް ގަތުމުގެ ހިޔާކު ދޫކޮށްލީ އޭނާގެ އިނގިއްޔަކާމެދު އުފެދުނު ޝައކުތަކާހުރެ އެވެ. ވޯލްޑް ކަޕަށް ތައްޔާރުވަނިކޮށް ރެނދުލި އިނގިލި މުޅިން ރަނގަޅު ނުވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު ވޯލްޑް ކަޕުގައި އޭނާ އާޖެންޓީނާގެ ގޯލު ބެލެހެއްޓީ އެ އިނގިލި ރަނގަޅު ކަމަށް ބުނެ އެވެ.
ބައެއް މީޑިޔާތަކުން ބުނަނީ ވޯލްޑް ކަޕުގައި މާޓިނޭޒް ކުޅުނީ އިނގިލި ވަރަށް ބޮޑަށް ގާޑް ކޮށްގެން ކަަމަށެވެ. އަދި މުބާރާތުގައި އޭނާ އަށް ބައެއް ދަނޑިވަޅުތަކުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނީ ވެސް މި ސަބަބާހުރެ ކަމަށެވެ. އަދި އެސްޓަން ވިލާއިން އައު ސީޒަނަށް ކީޕަރަކު ހޯދީ ވެސް މާޓިނޭޒްގެ އިނގިލި އަދިވެސް މުޅިން ރަނގަޅު ނުވާތީ ކަމަށެވެ.