ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކޮށް ކްލަބް ލައިސަންސިން ފުރިހަމަ ކުރަން ބަނގްލަދޭޝްގެ ގަދަ ކުލަބު ކަމަށްވާ ޑާނާ އަބާނީ އާއި ބަޝުންދުރަ ކިންގްސް އަށް އިތުރު ދެ ދުވަސް ދީފި އެވެ.
ބަނގްލަދޭޝްގެ ކުލަބުތައް ކުރިއަށް އޮތް ސީޒަނަށް ލައިސަންސް ހޯދުމަށް ކަންކަން ފުރިހަމަ ކުރަން ޖެހޭ ފަހު މުއްދަތަކީ މާދަމާ ނޫން އަނެއް ދުވަހެވެ. ނަމަވެސް މި ދެ ކުލަބަށް ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.
ފީފާއިން މި ދެ ކުލަބަށް ކުޅުންތެރިން ރަޖިސްޓަރީ ކުރުން ހުއްޓުވީ މުސާރަ ނުދެވޭތީވެ ކުޅުންތެރިން މައްސަލަ ޖެއްސުމުންނެވެ. ފީފާގެ ޓްރާންސްފާ ބޭންގައި އޮތުމުން މިހާރު މި ދެ ކުލަބަށް އެއްވެސް ކުޅުންތެރިއަކު އަލަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ދިނުން ވަނީ މަނާ ކޮށްފަ އެވެ.
ފީފާގެ ރެކޯޑްތައް ދައްކާ ގޮތުން އަބާނީން މުސާރަ ނުދީގެން އެ ކުލަބަށް ކުޅުނު ތިން ކުޅުންތެރިއަކު ވަނީ ފީފާގައި މައްސަލަ ޖައްސާފަ އެވެ. އަދި ބަޝުންދުރައިގެ 11 ކުޅުންތެރިއަކު ވަނީ މައްސަލަ ޖައްސާފަ އެވެ. މިއާއެކު މި ދެ ކުލަބުގެ ޖުމުލަ 14 މައްސަލަ ފީފާގައި އެބައޮތެވެ. ކުޅުންތެރިން ގެނައުން ފީފާއިން ހުއްޓުވީ މިހެންވެ އެވެ. މީގެ ފައިދާ ނަގައި މި ދެ ކުލަބަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ބަނގްލަދޭޝްގެ މުހައްމަދަން ސްޕޯޓްސް އަށް ގެންގޮސްފަ އެވެ. ކުރިއަށް އޮތް ސީޒަނަށް އެންމެ ވަރުގަދަވާނެ އެއް ކުލަބަކީ އެއީ އެވެ.
ބަނގްލަދޭޝްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުލަބުތަކުން އޭއެފްސީ ކުލަބު ލައިސަންސް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މި ލައިސަންސް ލިބޭނީ މާލީ ހުރިހާ މައްސަލަތަކެއް ހައްލުކޮށްގެންނެވެ. ނުނިންމައިފިނަމަ ބަޝުންދުރަ އާއި އަބާނީ އަށް ލީގުގައި ކުޅުމުގެ ފުރުސަތު ނުލިބުން ވަރަށް ގާތެވެ.
އަބާނީން ބުނީ އެ ޓީމުގެ ތިން މައްސަލަ ވެސް މިހާރު ނިންމައި ޓްރާންސްފާ ކުރުމުގެ ހުއްދަ އަށް ފީފާ އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށެވެ. ނަމަވެސް ބަޝުންދުރަގެ މާބބޮޑު ތަފްސީލެއް ނެތެވެ. މީގެ ހަފުތާއެއް ކުރިން އެ ކުލަބުން ބުނީ ލީގު ފެށުމުގެ ކުރިން މައްސަލަ ހައްލު ކުރާނެ ކަމަށެވެ.
ފާއިތުވެދިޔަ އަށެއްކަ އަހަރު އެންމެ މުއްސަނދި އަދި އެންމެ ވަރުގަދަ ކުލަބުގެ ގޮތުގައި އޮތް ބަޝުންދުރަ ކިންގްސް އަކީ ބަނގްލަދޭޝްގެ ކުރީގެ ރައީސް ޝައިހް ހަސީނާގެ ތާއީދާއެކު ވަރުގަދަވި ކުލަބެކެވެ. އޭނާގެ ވެރިކަން މީގެ ދޮޅު އަހަރު ކުރިން ވެއްޓުމާއެކު ބަޝުންދުރަ އަށް ވާނީ ފައިސާގެ މައްސަލަ ދިމާވެފަ އެވެ. ރާއްޖޭގެ ނިއުރޭޑިއަންޓަށް ސޮއިކުރި ބްރެޒިލްގެ ފޯވަޑް ޑޮރިއެންޓޮން ގޯމޭޒް ވެސް މިދިޔަ އަހަރު ކުޅުނީ ބަޝުންދުރަ ޔުނައިޓެޑަށެވެ.