އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއަރގެ މުބާރާތެއްކަމަށްވާ މޯލްޑިވްސް ޕްރޯ 2026 ކ. ތުލުސްދޫގައި ފަށައިފިއެވެ.
ކ. ތުލުސްދޫގައި ކުރިއަށްދާ މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި މޯލްޑިވްސް ބޮޑިބޯޑިން އެސޯސިއޭޝަންގެ ވެރިންގެ އިތުރުން އައިބީސީގެ ފަރާތުންވެސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވޯލްޑް ޓުއަރ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މިއަހަރުގެ މުބާރާތުގައި މެންސް ޑިވިޝަން، ވިމެންސް ޑިވިޝަން އަދި ޖޫނިއާ ޑިވިޝަން ހިމެނޭހެން 3 ޑިވިޝަނަކުން 38 އެތްލީޓުން ވާދަކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ޕްރޯގެ ތިން މުބާރާތެއް މީގެ ކުރިންވެސް ރާއްޖޭގައިވަނީ ބާއްވާފައެވެ. މާލޭ ވަރުނުލާ ރާޅުގަނޑުގައި މި ތިން މުބާރާތްވެސް ބާއްވާފައިވާއިރު، މިއީ ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިމުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި މިއަހަރު މިމުބާރާތް ކުރިއަށްމިދަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.
މޯލްޑިވްސް ޕްރޯ ފެށުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހަސަން ރަޝީދް ވިދާޅުވީ، މިމުބާރާތް މާލޭގެ ސަރަހައްދުން ބޭރުވެ، ކ. ތުލުސްދޫގައި ބާއްވާއިރު މިއީ މުބާރާތުގައި ވާދަކުރާ އެތްލީޓުންނަށް ލިބިގެންދާނެ ހިތްގައިމު ތަޖުރިބާއަކަށްވާނެކަމަށް އުންމީދުކުރާކަމަށާއި، ތުލުސްދޫގެ "ކޯކްސް ސާފް ބްރޭކް" ގައި މި މުބާރާތް ކުރިއަށްދިއުމަކީ މޯލްޑިވްސް ޕްރޯ ސީރީޒްއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށެވެ.
"އެއް އަހަރު ދުވަހުގެ ބްރޭކަކަށްފަހު، އަނެއްކާވެސް މިއައި. މިފަހަރު އައި އިރު މިއައީ މާލެ ސިޓީއިން އިތުރު ރަށަކަށް އެހެން ރާޅެއް އެކްސްޕްލޯކުރުމަށް އެތުލީޓުން މިއައީ ތުލުސްދޫއަށް. ހަމަ ހިތްގައިމު ވޯލްޑްކްލާސް ރާޅަކަށް. މިއީ މޯލްޑިވްސް ޕްރޯ މި ސީރީޒްއަށް ލިބުނު އިތުރު ކުރިއެރުމެއް" ހަސަން ރަޝީދު ބުންޏެވެ.
މިފަދަ އިވެންޓްތަކަކީ ސްޕޯޓްސް ޓޫރިޒަމާވެސް ގުޅިފައިވާ ހަރަކާތްތަކަށްވުމުން މިމުބާރާތުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖެ އިތުރަށް ފާހަގަވެގެންދާނެކަމަށާ، އުންމީދަކީ މޯލްޑިވްސް ޕްރޯ 2026 ގެ ސަބަބުން ތުލުސްދޫއަކީ ފަތުރުވެރިންގެ މެދުގައި އިތުރަށް މަގުބޫލު މަންޒިލަކަށް ހެދުންކަމަށް އޭނާ ހާމަކުރެއްވިއެވެ. އަދި މިފަދަ ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ހަސަން ރަޝިދުވަނީ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މޯލްޑިވްސް ޕްރޯ 2026 އަކީ ބައިނަލްއަގްވާމީ އެތުލީޓުން ވަރަށް ބޮޑަށް ފޯކަސް ކުރާ މުބާރާތެކެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޕޮއިންޓް ދޭ އުސޫލަށް ބަލާއިރު، މި މުބާރާތުން އަންހެން އެތުލީޓުންނަށް ޕޮއިންޓް އިތުރަށް ލިބޭނެ ކަމަށް އައިބީސީއިން މައުލޫމާތުދެއެވެ. އެހެންކަމުން މި މުބާރާތުގެ ސަބަބުން އަންހެން އެތުލީޓުންނަށް ރޭންކިންގައި ކުރިއެރުންތައް ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މޯލްޑިވްސް ޕްރޯ 2026 ކުރިއަށްދާނީ މިމަހުގެ 12 އިން 21 ގެ ނިޔަލަށެވެ.