ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.
މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިފަދަ އަހަރެއް ބޭއްވުމުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހުޅުވާލައި ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
ރާއްޖޭގެ ޤުދުރަތީ މާހައުލަކީ ފަތުރުވެރިކަމުގެ ވަނަވަރުގެ އެއްބައި ކަމަށްވާއިރު ދިވެހީންގެ މެހެމާންދާރީއަކީ ދުނިޔެ ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެފައިވާކަމެއް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. ވަޒީރު އަމީން ވަނީ ދިވެހިންނަނީ ސިނާޢަތަށް އަންނަ ބަދަލުތަކަށް ނުހަނު އަވަހަށް ހޭނޭ ބައެއްކަން ފާހަގަކުރައްވާ ޒަމާނީ އީޖާދުތައް އަވަހަށް ބަލައިގަތުމުގެ ޤާބިލްކަން ދައްކާ ބައެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދިވެހިންގެ ރީތި ރަނގަޅު ސިފަތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ އަހަރުގެ މަސައްކަތް ފަށަނީ ރަނގަޅު ބިންގަލެއްގެ މަތީގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ވިޒިޓާ ސާވޭގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވާ ވަޒީރު އަމީން ވަނީ ދިވެހިންގެ މެހެމާންދާރީގެ ފަތުރުވެރިން ރާއްޖޭ ދޫކޮށްދާއިރު ބުނާ ބަސްތަކުން އެނގިގެންދާކަމަށް ވިދާޅުވެފައެވެ.
"އެސާވޭގެ ނަތީޖާ ދައްކާގޮތުން 2025ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %85 އަށް ވުރެ މަތީ އިންސައްތެއެއް އަލުން އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވޭ. މިސާވޭއިން ދައްކާގޮތުގައި %90 ގިނަ މީހުން ގާތްތިމާގެ މީހުންނާއި ރަށްޓެހިންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޓް ކުރާނެ ކަމަށް ބުނެފައިވޭ. އަދި ގާތްގަނޑަކަށް %80 ވުރެ ގިނަ މީހުން ބުނަނީ، ޗުއްޓީގައި ދިވެހިރާއްޖޭގެ ތަޖުރިބާ އިންތިހާއަށް ހިތްހަމަ ޖެހޭ ކަމަށް. މިއަދަދުތަކުން ވަޒަން ކުރެވެނީ އަޅުގަނޑުމެން ފަތުރުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން." ވަޒީރު އަމީން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދިވެހި ފަތުރުވެރިކަމަށް ލިބުނު ގެއްލުމަށް ވަނީ އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް އެރި ބުރޫއާއެކު ރާއްޖޭގެ ފަތުރުވެރިކަން 4 މަހަށް ދަށްވެގެން ދިޔަ ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތާއި އަދި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތުން، ޖުލައި މަހުގެ ކުރީކޮޅު އާންމު ހާލަތު އިޔާދަކުރެވުނު ކަމަށެވެ. މިކަމުގެ ތެރެއިން ފަތުރުވެރިކަމުގެ މާކެޓުތަކުގައި ގުޅުން އިތުރަށް ވަރުގަދަކޮށް، އައު މާކެޓުތަކަށް ފުރުސަތު ހުޅުވުމަށް މަސައްކަތް ކުރާކަން ފާހަގަކުރެއްވިއެވެ.
އޮސްޓްރޭލިއާއަށް މިހާރު ޤައުމީ އެއަރލައިންގެ ދަތުރުތައް ފަށާފައިވާއިރު، އިތިއޯޕިއަން އެއަރލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ފުރަތަމަ ކުއާޓާގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިކަންކަމުން އެކަނި މުޅި ސިނާޢަތަށް ބޭނުންވާ ދިރުން ނާންނާނެކަން ފާހަގަކުރައްވާފައެވެ. އޭގެ ބަދަލުގައި މިހާރު ބައިނަލްއަޤްވާމީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ އަންނަ އަހަރު ވިޒިޓް މޯލްޑިވްސް އަހަރު ފާހަގަކުރުމުގެ މަޤްޞަދަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރެވޭނީ ގުޅިގެންކަމަށް ވަޒީރު އަމީން ފާހަގަކުރެއްވިއެވެ.
"ފަތުރުވެރިކަމާ ގުޅުން ހުރި ކޮންމެ މަސައްކަތަކީ، އެންމެ ހިއްސާވެގެން ކުރެވޭނެ މަސައްކަތެއް. ސަރުކާރުގެ އެންމެ މުހިންމު ދައުރަކަށްވާނީ މި ޤައުމީ މަސައްކަތައް ރަނގަޅު މާހައުލެއް ހޯދައި ދިނުން. އިރާދަކުރެއްވިއްޔާ މިމަސައްކަތަށް ރަނގަޅު މާހައުލެއް ސަރުކާރުން ހުރިހާ ބޭފުޅުންނަށް ހޯދައިދޭނެކަމުގެ ޔަޤީންކަން އަރުވަން. ވިޒިޓް މޯލްޑިވްސް އިޔާ ކާމިޔާބުވާނީ، ހަމަ ގައިމުވެސް އަޅުގަނޑުމެން އެންމެ ގުޅިގެން ކުރެވޭ މަސައްކަތުގެ މައްޗަށް" ވަޒީރު އަމީން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ މި ޤައުމީ މަސައްކަތުގައި މުޅި ސިނާޢަތުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ފަތުރުވެރިކަމުގެ ޤައުމީ މަސައްކަތުގައި ސިނާޢަތުން މިހާރުވެސް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.