މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖޭގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގު އަދި އުތުރުގައި ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. ނަމަވެސް ދެކުނުގައި އާދައިގެވަރަކަށް ކަނޑުމަޑުވާނެ ކަމަށާއި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.
ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ކަަމަށާއި އެހެން ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިޕޯޓްތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ގދ.ފަރެސްމާތޮޑާއަށެވެ. އެއީ 61.0 މިލިމީޓަރުގެ ވާރޭއެވެ.
2 ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ދައްކަނީ ލ. ކައްދޫއަށެވެ. އެއީ 53.3 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ގދ. ގެމަނަފުށިއަށް 26.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.