ޅ. ހިންނަވަރުގެ ފިހާރައަކުން ވަގަށްނެގި ތަކެތިި ހޯދައި، ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހިންނަވަރުގެ ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލަ 16 ވަނަ ދުވަހު ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ވައްކަންކުރި މީހާ ދެނެގަނެ ފިހާރައިން ވަގަށްނެގި ތަކެތި ހޯދުމުގެ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ.
މި މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން، ފިހާރައާއި، އެ ސަރަހައްދުގެ ބައެއް ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ، އޭނާ ހޯދާ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށްނެގިކަމަށް ބެލެވޭ 5 މޯބައިލް ފޯނާއި، 6 ކާޓޫނު ސިނގިރެޓް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު/ ތަރިފިޔަޖަހާގެ އުމުރުން 39 އަހަރުގެ ރިފްޒާނު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންގެންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.