މާލެ ސަރަޙައްދުން ވެހިކަލްތަކުގެ ފީ ގޮތުގައި ލިބޭ ފައިސާ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭގޮތް ހަދައިދިނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ގޮވާލައްވައިފިއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މައްޗަންގޮޅި ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބްއާ ކުރެއްވި ސުވާލުގައި ވަނީ ކައުންސިލްގެ ބަޖެޓު އެންމެ ފަހުން އިއުލާން ކުރިއިރު، މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި 130އާއި 140 މިލިޔަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭކަން ހާމަވާއިރު، އެ އަދަދަށް ފައިސާ ލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ވިސްނުމެއް ކައުންސިލުގައި ނެތްކަންކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ފެންނަނީ ކައުންސިލުން ގައު ނަގައި ގައު ފުރޮޅާ ތަން ކަމަށާއި އެހެންކަމުން ސަރުކާރުން މާލޭގެ މަގުތައް ހެދުމުގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯއެވެ.
މިކަމާ ގުޅޭގޮތުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ މާލެއާއި ހުޅުމާލެ ހިމެނޭހެން ގާތްގަނޑަކަށް 150 މިލިއަނެއްހާ ރުފިޔާ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި ނަމަވެސް ކައުންސިލުން މަގުތައް އެކަށީގެންވާގޮތެއްގައި ހަދައި، މަރާމާތުކުރުމަށް ކުރާކަމެއް ނެތްކަމަށެވެ. މަގު ހެދުމަކީ ކައުންސިލްގެ މައްޗަށް މަތިކޮށްފައިވާ ކަމެއް ކަމަށާއި ސަރުކާރުން ތާރު އަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަ ދީ، އެތަން ހަލާކު ކޮށްލާފައި ދާއިރު އެ ތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީވެސް ސިޓީ ކައުންސިލްގައި ނުހުންނަކަމަށެވެ.
"މަގުތައް އެކި ބޭނުންތަކަށް ކަނޑާއިރު، އެ ކަނޑަން ޖެހޭ ގޮތާއި އެ ތަންތަން އެއަށް ފަހު މަރާމާތު ކުރަން ޖެހޭ ގޮތް ހިމެނޭ ސްޓޭންޑާޑް ގައިޑްލައިނެއް ވެސް މިނިސްޓްރީން އެކުލަވާލައި ކައުންސިލަށް ފޮނުވާފައިވާނެ. 150 މިލިއަން ރުފިޔާއަށް މަގު މަރަމާތުކުރުމަށް ތާރު ކައްކާފައި އެޅޭނެވަރުގެ ކެޕޭސިޓީއެއް ބިލްޑްނުކުރުމަކީ އަޅުގަނޑަށް ހީވަނީ ކައުންސިލްގެ ޒިންމާ އަދާ ނުކުރުމުގެ ގޮތުން ކުރާ ކަމެއްހެން. އެ ފައިސާ ދަނީ ކޮންތާކަށްތޯ ބަލަން އެބަޖެހޭ." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަހަރީ ފީގެ ގޮތުގައި ލިބޭ 150 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ލިބެން ޖެހޭނެ ކަމަށް ގަބޫލްނުކުރާ ކަމަށެވެ. އަދި އެ ބައި ކައުންސިލްގެ ބަޖެޓުން އުނިކޮށް ސަރުކާރުގެ ބަޖެޓަށް ލިބޭނެ ގޮތެއް ހައްދަވައިދިނުމަށް ގޮވާލެއްވިއެވެ. އެ 150 މިލިއަން ރުފިޔާ ސަރުކާރަށް ލިބުމުން މަގުތައް ވެސް ރަނގަޅަށް ހެދޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.