ދިވެހި ތަރިކައިގެ "ސިގްނޭޗަރ ރިސާރޗް" ސްކޮލަރޝިޕުން އުފެދޭ ތަރިކަވެރިންނާއެކު ޢިލްމީ ގިނަ ލިޔުންތަކެއް އުފަންވެގެން އަންނާނެކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިވެހި ތަރިކައަށް ޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް"އަށް ވަނީ ހުޅުވާލާފައެވެ. މިއީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު، ޤާބިލު ތަރިކަވެރިންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝިމްލާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާތަބުކުރައްވައި ދެއްވި ފުރަތަމަ ޚިޠާބުގައިވެސް މާއްދީ ތަރައްޤީއާ އެއްވަރަށް މައުނަވީ ތަރައްޤީއަށް އިސްކަންދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
ޝިމްލާ ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ތާރީޚެއް އޮތް ޤައުމަކަށްވާއިރު، ތަރިކައަކީ ދިވެހިންގެ އަމިއްލަވަންތަކަން ހާމަކޮށްދޭ އެންމެ މުހިންމު ބަހާކަމަށެވެ. ރާއްޖޭގެ ތަޢުލީމީ، ޞިއްޙީ އަދި ފަތުރުވެރިކަމުގެ ދާއިރާ ބާރުމިނުގައި ކުރިއަރަމުން ދިޔަނަމަވެސް، ތަރިކައިގެ ދާއިރާ އޮތީ އެކަށީގެންވާ ވަރަށް ތަރައްޤީނުވެކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި ތަރިކައިގެ ސިގްނޭޗަރ ރިސާޗް ސްކޮލަރޝިޕަކީ މި ދާއިރާ ޢިލްމީގޮތުން ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މި ދާއިރާއިން މަތީ ތައުލީމު އުގެނުމުގެ ފުރުސަތުތައް މަދުވުމާއި، ތަރިކައާ ގުޅޭ ޢިލްމީ ދިރާސާތައް މަދުކަން ފާހަގަކުރައްވަމުން، މި ސްކޮލަރޝިޕްގެ ސަބަބުން މި ދާއިރާއިން ތަޢުލީމީ ތަރިކަވެރިން އުފެދި، ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅޭ ޢިލްމީ އަދި ދިރާސީ ލިޔުންތައް އިތުރުވެގެންދާނެކަން ޝިމްލާ ފާހަގަކުރެއްވިއެވެ.
"ޢިލްމީގޮތުން ސާފުވެފައިވާ، ރިސާރޗްއިން ޖަސްޓިފައިކުރެވިފައިވާ ފޮތްތަކެއް، ޕަބްލިކޭޝަންތަކެއްނެތް. އެހެންވީމަ މި ސްކޮލަރޝިޕް މެދުވެރިވެގެން އަޅުގަނޑުމެން މިހާރު ހުޅުވާލާފައިވާ 50 ފުރުސަތުގެ ތެރެއިން މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ފަރާތަކީވެސް ތަރިކައިގެ ދާއިރާގެ ޕަބްލިކޭޝަނެއް ނުވަތަ ފޮތެއް ޝާއިއުކުރާނެ ފަރާތެއް. އެއީ އަޅުގަނޑުމެންގެ މިދާއިރާއަށް އުފަންކުރާނެ ނުވަތަ ވުޖޫދުކުރާނެ ޢިލްމީ ލިޔެކިޔުންތަކަށް ވެގެންދާނެ" ޝިމްލާ ވިދާޅުވިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝިމްލާ ވިދާޅުވީ އެއްޗެއް ދިވެހި ވަންތަ ވަނީ ކޮން ސިފަތަކެއް ހުރެގެންކަން ބަޔާންކުރާ މިންގަނޑުތަކެއް މިހާތަނަށް ކަނޑައެޅިފައި ނުވާކަމަށެވެ. އަދި ދިވެހި ތަރިކައިގެ ޚާއްޞަ ސިފަތަކަކީ ކޮބައިކަން ދެނެގަނެވޭނެ އުސޫލެއް ނެތްކަމަށެވެ. މިކަން މިގޮތަށް ދިމާވާން މެދުވެރިވާ ސަބަބަކީ، މިފަދަ ކަންކަމުގައި އެކަށީގެންވާ ދިރާސާތަކެއް ކުރެވި، ތަފްސީލީ މަޢުލޫމާތު އެއްކުރެވިފައި ނެތުން ކަމަށް ޝިމްލާ ވިދާޅުވިއެވެ. އެހެންކަމުން، ދިވެހި ތަރިކައިގެ އަސްލު ސިފަތައް ދެނެގަނެވޭނެ ފަދަ މިންގަނޑުތަކެއް ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.