ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ތަޢާރަފްކޮށްފިއެވެ. އޭއީއެޗްއިން ވިދާޅުވީ މިއީ ބައިނަލްއަޤުވާމީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މިންގަނޑަށް ހޮސްޕިޓަލުގެ ކަންކަން ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފްކޮށްފައިވާ ކަމެއްކަމަށެވެ.
ރާއްޖޭގެ ދެކުނުން ހިންގަމުންދާ އެންމެ ބޮޑު އެއް ހޮސްޕިޓަލަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ. ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބަލި މީހުންނަށްދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް އެކި ކަންކަން ހޮސްޕިޓަލުންދަނީ ތަޢާރަފްކުރަމުންނެވެ. މީގެ ދަށުން ހޮސްޕިޓަލުން މިހާރުވަނީ ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އެހޮސްޕިޓަލުގައި ތަޢާރަފްކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެހޮސްޕިޓަލުން ވިދާޅުވީ، މި ޖެކެޓުގެ ބޭނުންކުރާނީ ބަލި މީހުންނަށް ބޭސް ދިނުމުގައި ޚިދުމަތްކުރަމުންދާ ނަރުހުންކަމަށެވެ. މިޖެކެޓުގެ ބޭނުމަކީ ބަލި މީހުންނަށް ބޭސް ތައްޔާރުކުރުމާއި ބޭސް ދިނުމުގައި މަސައްކަތްކުރާ ނަރުހުން އެވަގުތެއްގައި ބަލި މީހުންނަށް ޚިދުމަތް ދެމުންދަނީކަން އަންގައިދިނުމެވެ. މީގެ ސަބަބުން އެހެން އެއްވެސް ފަރާތަކުން ނަރުހުންނަށް އެވަގުތެއްގައި އިތުރު އެހެންކަމެއްގައި އެހީއަށް އެދި ގޮވާ ނަރުހުންގެ ސަމާލުކަން ގެއްލޭ ފަދަ ކަންކަމުން ދުރުހެލިކުރެވޭނެކަމަށް އޭއީއެޗްއިން ވިދާޅުވެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިއުސޫލުން ޚިދުމަތް ދިނުން ބަދަލުކުރަމުންދާ މައިގަނޑު ސަބަބަކީ، ބަލި މީހާއަށް ބޭސް ތައްޔާރުކުރުމާއި ދިނުމުގައި ޚިދުމަތްދޭ ނަރުހުންގެ ސަމާލުކަމާއި އެބަލި މީހުންގެ ރައްކާތެރިކަމާއި ގުޅިފައިވާ މިންވަރުކަން ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. ހަމައެއާއެކު އެހޮސްޕިޓަލުގައި ބޭސް ތައްޔާރުކުރުމުގައި ނަރުހުން ހަރަކާތްތެރިވާ ސަރަޙައްދުތަކަކީ "ނޯ އިންޓަރރަޕްޝަން ޒޯން"ގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.
އޭއީއެޗްއިން ވަނީ ބޭހާއި ގުޅޭ އަދި ބަލި މީހުންގެ ރައްކާތެރިކަމާއި ގުޅޭ ހުރިހާކަމެއްގައި މަޝްވަރާކޮށް މަސައްކަތްކުރާނެ މަލްޓި ޑިސިޕްލިނަރީ މެޑިކޭޝަން ކޮމިޓީއެއް އެކުލަވާލާފައެވެ. މިކޮމިޓީގެ ދަށުން ކުރިއަށް އޮތް އަހަރަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.