އެތެރޭގެ މައްސަލަތަކާހުރެ ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑް ކޮށްފައިވާތީވެ އެކަން ނިމުމަކަށް ގެނެސްދިނުމަށް އެދި އެ ގައުމުގެ ކުޅުންތެރިންނާއި ފުޓްބޯޅަ ހިންގާ ފަރާތްތަކުން އެއްވެ، އަޑުއުފުލަން ފަށައިފި އެވެ.
މި ގޮތުން އޯލް ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ ބޭރުގައި ވަނީ އެއްވުންތައް ބާއްވައިފަ އެވެ. މައިގަނޑު ގޮތެއްގައި އެދިފައިވަނީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތްތަކުގައި ނޭޕާލަށް ބައިވެރި ނުވެވޭތީވެ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ފީފާގެ ސަސްޕެންޝަން ނިމުމަމަށް އަންނާނެ ގޮތް ހެދުމަށެވެ.
ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑް ކުރީ މި އަހަރުގެ ޖޫން މަހު އެވެ. ސަބަބަކީ އެ ގައުމުގެ ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމެވެ. ސަރުކާރުން ބޭނުންވަނީ އެ ގައުމުގެ ޑިސްޓްރިކްޓްތަކުގެ މެދުގައި އިންތިހާބު ބޭއްވުމަށްފަހު އޭގެ ފަހުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބޭއްވުމަށެވެ. މިއީ ނޭޕާލްގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އިންތިހާބު ބާއްވަން ކުރަންޖެހޭ ކަމެއް ކަމަށާއި ގައުމުގައި ހުރި ގަވާއިދުތަކަށް ބޯލަނބަން އެންގުމަކީ ފީފާގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމެއް ނޫން ކަމަށް ސަރުކާރުން ދެކެ އެވެ. ނަމަވެސް ސަރުކާރުގެ މި ހުށަހެޅުން ފުޓްބޯޅަ އެސޯސިއޭޝަން ހިންގަން ތިބި ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ. މައްސަލަ ޖެހުނީ މި ހިސާބުންނެވެ.
ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރީ އެ ގައުމުގެ ކުޅިވަރާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދެ ވަނަ ނުކުތާގެ ދަށުގެ ދަށުންނެވެ. އަދި މި ސަސްޕެންޝަނުގެ މުއްދަތުގައި ނޭޕާލުން ފުޓްބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް ހަރަކާތަކަށް ސަރުކާރުން އެއްބާރުލުން ނުދޭނެ އެވެ. މިހެންވެ ގައުމުގެ އެތެރޭގެ މުބާރާތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ފުޓްބޯޅަ އިދާރާ ދޮށަށް އެއްވި ފަރާތްތަކުން އެދުނު އަނެއް ކަމަކީ ގައުމުގެ އެތެރޭގެ މުބާރާތްތައް ބޭއްވޭނެ ގޮތެއް ހެދުމެވެ.
"ފީފާއިން ނޭޕާލްގެ އެތެރޭގެ މުބާރާތްތައް ބޭއްވުން މަނާ ނުކުރޭ. އެހެންވީމާ އެއީ މިހާރު ވެސް ކުރެވިދާނެ ކަމެއް، ކުރީގެ ކުޅުންތެރިޔާ ބާލް ގޯޕާލް މަހާރަޖަން ބުންޏެވެ.
ނޭޕާލްގެ ކުޅުންތެރިންނާއި އެޑްމިނިސްޓްރޭޓަރުން ކަންބޮޑުވާ އަނެއް ކަމަކީ ނޮވެމްބަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެ ގައުމަށް ނުކުޅެވިދާނެތީ އެވެ. ސަބަބަކީ މުބާރާތުގެ ގުރު މިހާރު ވެސް ނަގާފައިވާއިރު ލަސްތަކެއްނުވެ ސަސްޕެންޝަން އުވާނުލެވިއްޖެނަމަ އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ނޭޕާލަށް ގެއްލިދާނެތީ އެވެ. މުބާރާތުގައި މިހާތަނަށް ބަރާބަރަށް ކުޅެމުން އައި އެއް ގައުމަކީ ނޭޕާލެވެ.
މިހެންވެ ކުރީގެ ކެޕްޓަން ހަރީ ކަޑްކާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ހައްލު ކޮށްދިނުމަށް ނޭޕާލްގެ ބޮޑުވަޒީރަށް ވެސް ދަންނަވާފަ އެވެ.