ޚަބަރު

ޔަހޫދީން ޣައްޒާގެ ކުޑަކުދިން ގަސްތުގައި ޝަހީދުކުރޭ: އދގެ ރިޕޯޓް


ފަލަސްޠީނުގެ ނަސްލުހޭދަ ކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، ފަލަސްޠީނުގެ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ކުޑަކުދިން ޝަހީދުކުރަމުންދާ ކަމަށް އދގެ ތަޙުޤީޤީ ކޮމިޝަނަކުން ބުނެފިއެވެ.

ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ތަޙުޤީޤުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނީ، ފަލަސްޠީނުގެ ނަޞްލުހޭދަ ކުރުމަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ގަސްތުގައި ކުޑަކުދިންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމަށެވެ.

މިގޮތުން، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ޢުދުވާނު ފެށި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 30 އިންސައްތައަކީ ކުޑަކުދިންކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، މި ހަނގުރާމައިގެ ތެރެއިން ކުޑަކުދިންނާއި މާބަނޑު މީހުންނަށް ފަރުވާ ދޭ ސިއްޙީ މަރުކަޒުތަކަށް ޔަހޫދީން ވަނީ ގަސްތުގައި ޙަމަލާތައް ދީފައެވެ.

އަދި މިދިޔަ އަހަރުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީ ޣައްޒާއަށް އެތެރެކުރުމުގެ ހުރިހާ މަގުތަކެއް ޔަހޫދީން ބަންދުކުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންނަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޢަމަލުކުރަން ފެށި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެ، ޔަހޫދީން ދަނީ ޣައްޒާގެ ކުޑަކުދިންނަށް އަމާޒުކޮށް ހުއްޓުމެއްނެތި ޙަމަލާތައް ދެމުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އދގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ އިދާރާ، ޔުނިސެފްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން ޣައްޒާގައި ވަނީ 50،000އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފައެވެ.

ކުޑަކުދިން ޝަހީދުކުރުމުގެ އިތުރުން، ކުޑަކުދިން ޖަލުތަކުގައި ބަންދުކޮށް، ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާތައް އެ ކުދިންނަށް ކުރަމުންދާ ކަމަށް ވެސް އދއިން ބުނެފައިވެއެވެ.