ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޤަތަރުން ސްވިޓްޒަަންޑް ހިފަހައްޓާލައި ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހާސިލްކޮށްފިއެވެ.
ސެން ފްރަންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ސްވިޓްޒަލަންޑް އިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމުންވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މީގެތެރެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.
މިމެޗުގައި ސްވިޓްޒަލަންޑް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބު ކޮށްފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. ސްވިޓްޒަަންޑް ޓީމުގެ ރެމޯ ފްރުއެލަރއަށް ޤަތަރުގެ ކީޕަރ މަހްމޫދު އަބޫނާދާ ކުރި ފައުލަކާއި ގުޅިގެން ލިބިގެންދިޔަ މިޕެނަލްޓީ ކާމިޔާބުކޮށް މިމެޗުގެ ލީޑު ސްވިޓްޒަލަންޑްއަށް ހޯދައިދިނީ ފޯވަޑް ބްރީލް އެމްބޯލޯއެވެ.
މިލަނޑާއެކު ސްވިޓްޒަލަންޑްއިން ލީޑު ނެގި ނަމަވެސް މިމެޗުގައި އެޓީމަށް ލިބިގެންދިޔަ ގިނަ ފުރުސަތު ތަކުގެ ބޭނުން ނުހިފުމާއި އެޓީމުން ކޮންމެވެސް ވަރަށް މެޗު ފަސޭހަކޮށްލުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ އެންމެ ފަހު ވަގުތާއި ޖެހެންހިތްވަރު އެލުވާނުލާ މަސައްކަތް ކުރަމުންދިޔަ ޤަތަރުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ޤަތަރަށް މިލަނޑު ކާމިޔާބު ކޮށްދީފައިވަނީ ހޮމާމް އެލް އަމީން ވަރަށް ބަލާލައިފާ ސްވިޓްޒަލަންޑްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއްގައި ބޯލެމް ހޯހީއެވެ. މިލަނޑާއެކު ޤަތަރުންމިވަނީ ވޯލްޑް ކަޕްގައި ފުރަތަމަ ޕޮއިންޓް ހާސިލްކޮށްފައެވެ.
މިމެޗު އެއްވަރު ވެގެން ނިމުމުން ގްރޫޕް ބީގައި މިހާރު ކޮންމެ ޓީމެއް އެއްމެޗު ކުޅެފައިވާއިރު ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެއީ މިގްރޫޕްގައި ދެން ހިމެނޭ މުބާރާތް ބާއްވާ އެއް ޤައުމު ކަމުގައިވާ ކެނެޑާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި މެޗުވެސް އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވުމުންނެވެ.