ޚަބަރު

ފަހަތުން އަރާ ސްޕެއިނުން ކްރޮއޭޝިޔާ ބަލިކޮށްފި


ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކްރޮއޭޝިޔާ އާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކޮށްފިއެވެ.

ގްރޫޕް ތިނެއްގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖުމްލަ 12 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފައެވެ. މި މެޗުން ބަލިވި ކްރޮއޭޝިޔާއަށް ހަތަރު މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ.

ރަށުން ބޭރުގައި ސްޕެއިން ކުޅުނު މި މެޗުގައި އެ ޓީމުން މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި މެޗުގައި ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ކްރޮއޭޝިޔާއިންނެވެ. ކްރޮއޭޝިޔާ ނޭޝަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި 7-0 ގެ ނަތީޖާއަކުން ބަލިވެފައިވި ނަމަވެސް މި މެޗުގައި އެ ޓީމުންވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 17 ވަނަ މިނިޓުގައި ކްރޮއޭޝިޔާއިން ވަނީ ލަނޑެއް ޖަހާ ދުނިޔޭގެ ޗެމްޕިއަން ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނި އިވާން ޕެރިސިޗްއެވެ.

ސްޕެއިން އިން ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ލުއިސް ޑިލަފުއެންޓޭ ވަނީ އެލެކްސް ބައެނާގެ ބަދަލުގައި މިކޭލް މެރީނޯ ކުޅެން އަރުވާފައެވެ.

ސްޕެއިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނިޓަށް ވެފައިވަނިކޮށް މާޓިން ޒުބިމެންޑީ ދިން ޕާހަކުން މެރީނޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

ސްޕެއިން އިން ދެވަނަ ލަނޑު ޖެހުމުގެ ކުރިން މެޗުގެ 79 ވަނަ މިނިޓުގައި ރެފްރީ ވަނީ ކްރޮއޭޝިޔާގެ އިވާން ޕެރިސިޗް އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.