މިސުރުގެ ވޯލްޑް ކަޕް ޖާޒީގައި ޖަހާފައިވާ ހަތް ތަރި ފޮހެލަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އަންގައިފި އެވެ.
މި ގޮތަށް ފީފާއިން އެންގީ މިސުރުގެ ކުޅުންތެރިން ލައިގެން ތިބޭ ޖާޒީގެ މޭމަތިން ދައްކުވައިދޭ ހަތްތަރި އާއި ވޯލްޑް ކަޕާ އެއްވެސް ގުޅުމެއް ނެތުމުންނެވެ.
މި ހަތްތަރި ރަމްޒުކޮށްދެނީ އެފްރިކަން ނޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ މިސުރުގެ ކާމިޔާބީ އެވެ. އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިސުރުން ވަނީ ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ.
"ފީފާގެ ކިޓް ރޫލް އަށް ޖާޒީބައި ނުފެތޭ ކަމަށް އަހަރުމެންނަށް މިހާރު ވަނީ އަންގާފައި. ފީފާގެ ގަވާއިދުތަކަށް އެންމެންވެސް އަމަލު ކުރަން ޖެހޭ. މިހެންވެ އެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އެކަމަކު މި ހަތް ތަރި އަކީ އަހަރުމެންނަށް ވަރަށް މުހިންމު އެއްޗެއް. އެއީ އަހަރުމެންގެ ޝަރަފެއް،" މިސުރުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.
ވޯލްޑް ކަޕް ކުޅޭ މިސުރުގެ ޖާޒީގައި ނަންބަރު ޖަހާފައިވަނީ ރަން އަކުރުންނެވެ. ފީފާއިން ވަނީ މިކުލަ ވެސް ހުދަށް ބަދަލު ކުރަން އަންގައިފަ އެވެ. ބޮޑަށް ބެލެވެނީ ރަންކުލަ ދުރަށް ފެނުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ބަދަލު ކުރަން އެންގީ ކަމަށެވެ. އެއީ ދުވާލު މެޗުތައް ކުޅޭއިރު އިރުގެ އަލީގެ ސަބަބުން ރަންކުލަ ދުރަށް ފާޅުވުން ކުޑަވާތީ އެވެ.
މިސުރު މި ފަހަރުގެ ވޯލްޑް ކަޕަށް މި ނުކުންނަނީ 2018 ވަނަ އަހަރުގެ މުބާރާތަށް ފަހު އަލަށެވެ. އެންމެ ފަހުގެ އެފްރިކާ ކަޕުން ވެސް މިސުރަށް މާ ރަނގަޅު ކާމިޔާބީއެއް ހޯދިފައިނުވާއިރު ވޯލްޑް ކަޕުގައި ދަށްވެގެން ދެ ވަނަ ބުރަށް ދިއުމަށް އެ ގައުމުން އުއްމީދު ކުރެ އެވެ. ޓީމުގެ ކެޕްޓަން އަދި ތަރިއަކީ ލިވަޕޫލްގައި ލެޖެންޑެއްގެ ދަރަޖަ ހޯދި މުހައްމަދު ސަލާހެވެ.
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތުގައި މިސުރު ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނޫން އަނެއް ދުވަހު ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.