ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މުބާރާތް ބާއްވާ އެއް ޤައުމުކަމުގައިވާ ކެނެޑާ އާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ އެއްލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކެނެޑާއިންނެވެ. މިގޮތުން މިމެޗުގައި ކެނެޑާއިން 13 ހަމަލާ އުފައްދާފައިވާއިރު މީގެތެރެއިން 4 ހަމަލާވަނީ ގޯލަށް އަމާޒުކޮށްފައެވެ. އަދި ބޮސްނިއާއިން އުފެއްދި 8 ހަމަލާގެ ތެރެއިން އެޓީމުންވެސް 3 ހަމަލާވަނީ ގޯލަށް އަމާޒުކޮށްފައެވެ. މިމެޗުގައި ކެނެޑާގެ ކެޕްޓަން އަލްފަންސޯ ޑޭވިސް އާއި ބޮސްނިއާގެ ކެޕްޓަން އެޑިން ޖެކޯއަށް އަނިޔާގެ ސަބަބުން ކުޅެވޭގޮތެއްނުވިއެވެ.
މިމެޗުގައި ކެނެޑާއިން ބޮޑަށް ހަމަލާއަށް އިސްކަން ދީގެން ކުޅުނުތަން ފެނިގެންދިޔައިރު ބޮސްނިއާ ފެނިގެންދިޔައީ ރަނގަޅަށް ޑިފެންސް ކުރުމަށްފަހު ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ބޮސްނިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައެވެ. މިގޮތުން އެޓީމުން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައްވަނީ ބޮސްނިއާގެ ކީޕަރުގެ އިތުރުން ޑިފެންސް ލައިނުން ޑިފާއުކޮށްފައެވެ. މިއާއެކު މިމެޗުގައި ދެން ފެނިގެންދިޔައީ މެޗުގެ 21 ވަނަ މިނެޓުގައި ބޮސްނިއާއަށް ލިބިގެންދިޔަ ކޯނަރެއްގައި އެޓީމުން ލަނޑު ޖަހާ މެޗުގެ ލީޑު ނެގިތަނެވެ. ބޮސްނިއާގެ އިވާން ބެސިޗް ނަގައިދިން ކޯނަރު ބޮސްނިއާގެ ކެޕްޓަންކަން ކުރަމުންދިޔަ ސައީދު ކޮލަސިނަޗް ބޮލުން ޖަހާ ގޯލާ ދިމާލަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލައިގެން އެޓީމަށް ލީޑު ނަގައިދިނީ ޔޯވޯ ލުކިޗްއެވެ. މިއީ އޭނާ ބޮސްނިއާ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި މިނަތީޖާއަށް ބަދަލެއް އައިސްފައިނުވާއިރު ދެވަނަ ޙާފުގެ ކުރީކޮޅު ކެނެޑާއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއި ވަރަށް ގާތަށް ގޮސްފައެވެ. މިގޮތުން ކެނެޑާގެ ރިޗީ ލާޔާ ބޮސްނިއާގެ ގޯލަށް ފޮނުވާލި ހަމަލާ ގޯލަށް ވަދެވަދެ އޮއްވާ ދިފާއުކުރީ ކޮލަސިނެޗްއެވެ. މިމެޗުގައި ކެނެޑާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކައިލް ލަރިންއެވެ. މިލަނޑު އޭނާ ޖަހާފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 2 މިނެޓްގެ ތެރޭގައެވެ. މިމެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ކެނެޑާއިން އިތުރު ލަނޑެއް ޖަހާ ވޯލްޑް ކަޕްގެ ތާރީހްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މިމެޗު އެއްވަރުވުމުން ކެނެޑާއަށް މިވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ފުރަތަމަ ޕޮއިންޓް ލިބިގެން ގޮސްފައެވެ. ކެނެޑާއިން 1986 ވަނަ އަހަރާއި 2022 ވަނަ އަހަރު ކުޅުނު ހަ މެޗުންވެސްވަނީ ބަލިވެފައެވެ. އެހެން ކަމުން މިއީ އެޓީމަށް ތާރީހީ މެޗެކެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމުގައި ސްވިޓްޒަލަންޑާއި ޤަތަރު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު ބާރަ ޖަހާއިރުއެވެ.