ކުޅިވަރު

ހަނގުރާމަވެރި މަންޒަރު ހިމެނޭ ހައިޓީގެ ޖާޒީ ބަދަލުކުރަން އަންގައިފި


ހަނގުރާމަވެރި މަންޒަރެއް ޖާޒީއިން ދައްކވައިދޭތީވެ ވޯލްޑް ކަޕް ކުޅޭ ކެރީބިއަން ގައުމު ހައިޓީގެ ޖާޒީ ބަދަލު ކުރަން ޖެހިއްޖެ އެވެ.

އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ކޮލިފައިންގެ އެއްވެސް މެޗެއް ނުކުޅެ ކޮލިފައިވި ގައުމުގެ ޖާޒީގެ ތިރީގައި އަރިމައްޗަށް ވާގޮތަށް ކުރަހާފައިވަނީ އެ ގައުމުގެ ދިދައާއެކު ބަޔަކު ހަރަކާތްތެރިވާ މަންޒަރެވެ. މިއީ 1903 ވަނަ އަހަރު ހައިޓީގެ މިނިވަންކަމަށް އެ މީހުން ކުރި ވަރުގަދަ ހަނގުރާމައިގެ މަންޒަރެއް ކަމަށް ވަނީ ބެލެވިފަ އެވެ. އަދި މި މަންޒަރު ފީފާގެ ކިޓް ރޫލްއަށް ނުފެތޭތީވެ ޖާޒީ ބަދަލު ކުރަން އެންގީ ފީފާއިންނެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ގަވާއިދުގައި ބުނެފައިވަނީ މުބާރާތުގައި ބޭނުންކުރާ އެއްވެސް އެއްޗަކީ ސިޔާސީ، ދީނީ އަދި ވަކި މަސްލަހަތެއްގެ ކުލަ ޖެހިފައިވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.

ފީފާ ވޯލްޑް ކަޕަށް ތައްޔާރުވާން ހައިޓީ އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗު ވެސް ކުޅުނީ މި ޖާޒީގަ އެވެ. ނަމަވެސް ޖާޒީގައި ހަނގުރާމައިގެ މަންޒަރު ދައްކުވައިދޭ ކުރެހުން ހުރިކަން ފީފާ އަށް ފާހަގަ ކުރެވުނީ މުބާރާތުގެ ކުރިން ބޭއްވި ކިޓް އިންސްޕެކްޝަނުގަ އެވެ.

މި ޖާޒީ ތައްޔާރުކޮށްދީފައިވަނީ ކޮލަމްބިއާގެ ސިއޭރާ ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ބުނީ ޖާޒީގައިވާ މަންޒަރުން ދައްކުވައިދެނީ ހައިޓީގެ ކުރިމަގަށް އެ ގައުމުގެ ދެ ޖިންސުގެ މީހުން ކޮންމެ ދުވަހަކު ކުރާ މަސައްކަތް ކަމަށެވެ.

"އެކަމަކު އަހަރުމެންގެ ވިސްނުމާއި އިންސްޕެކްޝަންގައި ވިސްނިފައިވާ ގޮތް ތަފާތު ވެއްޖެ. މިހެންވެ އަހަރުމެންނަށް އަންގާފައިމި ވަނީ ޖާޒީ ބަދަލު ކުރަން. މިހެންވެ ފީފާއާ މަޝްވަރާ ކޮށްގެން މި ޑިޒައިނަށް މިދަނީ ބަދަލު ގެންނަމުން،" ސިއޭރާގެ ބަޔާނުގައިވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ހައިޓީ ކުޅޭ ދެ ވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެ ގައުމު ވޯލްޑް ކަޕުގައި ކުޅުނީ 1974 ވަނަ އަހަރު އެވެ. އެފަހަރު ޕޮލެންޑާއި އިޓަލީ އާއި އާޖެންޓިނާ އަތުން ވެސް ބަލިވެ ދިޔައީ ގްރޫޕުގެ ފުލަށެވެ.

އެންމެ ފުރަތަމަ މިނިވަންވި ކަޅުމީހުން ދިރިއުޅުނު ގައުމަކީ ހައިޓީ އެވެ. އަދި މިއީ އަބަދުވެސް މައްސަލަ ބޮޑު ގައުމެކެވެ. ވޯލްޑް ކަޕަށް ކޮލިފައިންގައި އަމިއްލަ ގައުމުގައި އެންމެ މެޗެއް ވެސް ނުކުޅެވުނީ ވެސް މިހެންވެ އެވެ. މިއީ ގޭންގް ކުށްތައް ގިނަ އެވެ. ޒަމާންވީ ތާރީހަށް ބަލާއިރު ވެސް އެއީ އާދައިގެ ހާލަތެއްގައި އޮތް އިގްތިސާދީ ގޮތުން ދަތި ގައުމެކެވެ. ގައުމުގެ އެތެރޭގެ ހާލަތު ގޯސްވުމުން ޓީމުގެ ކޯޗު ވެސް ސަލާމަތީ ސަބަބުތަކާހުރެ ހައިޓީގައި ނުހުރެ އެވެ. އޭނާ މެޗުތައް ބަލައި ދިރާސާ ކުރީ ވެސް ޓީވީގެ ޒަރީއާއިންނެވެ. މި ފަހަރުގެ މުބާރާތް ބާއްވާ މައި ގައުމު އެމެރިކާ އަށް އެތެރެވުން ހައިޓީ މީހުންނަށް އޮންނަނީ ވެސް މަނާކޮށްފަ އެވެ.

ވޯލްޑް ކަޕުގައި ހައިޓީ ހިމެނެނީ ބްރެޒިލް އާއި މޮރޮކޯ އާއި ސްކޮޓްލޭންޑާއެކު ގްރޫޕް ސީގަ އެވެ.