ކުޅިވަރު

ރެފިއުޖީ ކޭމްޕުން އޮސްޓްރޭލިޔާގެ ގައުމީ ޓީމަށް


މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ އޮސްޓްރޭލިޔާ ޓީމަށް ބަލާއިރު ހާއްސަ ދެ ކުޅުންތެރިއަކު އެބަތިއްބެވެ. ޓީމުގެ ކޯޗު ޓޯނީ ޕޮޕޮވިޗް މި ދެ ކުޅުންތެރިން ހޮވީ އިނގިރޭސި ޗެމްޕިއަންޝިޕުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ދެ ވަނަ ޑިވިޝަނުންނެވެ. ޕެރަގުއޭ އާއި އެމެރިކާ އާއި ތުރުކީ ފަހަށްލައި ދެ ވަނަ ބުރުން ޖާގަ ހޯދަން މަސައްކަތް ކުރާ ޓީމުގައި މި ދެ ކުޅުންތެރިންނަށް މުހިންމު ދައުރެއް ވެސް ދޭނެ އެވެ.

އެއީ އެންޓްރޯއީ އިރަންކުންޑާ އާއި މުހައްމަދު ޓޯރޭ އެވެ. މި ދެ ކުޅުންތެރިންނަކީ އެ މީހުންގެ އަސްލު އޮސްޓްރޭލިޔާއާ ބެހޭ ވެސް ބައެއް ނޫނެވެ. އުމުރުން އެންމެ 20 އަހަރުގެ އިރަކުންޑާ އާއި ޓޯރޭ އަކީ ރެފިއުޖީ ކޭމްޕަކުން އައިސް އޮސްޓްރޭލިޔާ އަށް ވަން ބައެކެވެ. ޓޯރޭ އުފަންވީ އެފްރިކާގެ ގިނީ އަށެވެ. އޭނާގެ މައިންބަފައިންނަކީ ލައިބީރިއާގެ ދެމެފިރިންނެވެ. އިރަކުންޑާ އަކީ ބުރުންޑީގެ ބަޔަކު ޓެންޒެނިޔާގައި އުޅެނިކޮށް ލިބުނު ކުއްޖެކެވެ. ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހުމުން ޓޯރޭ އާއި އިރަންކުންޑާ އަށް ވެސް އެކަކަކު އެނގެ އެވެ.

ދެ ކުޅުންތެރިން ވެސް ބުނީ ވޯލްޑް ކަޕުގައި އޮސްޓްރޭލިޔާ އަށް ކާމިޔާބު ހޯދައިދޭން ވަރަށް ބޭނުންވާ ކަމަށެވެ. ސަބަބަކީ އެއީ އެ މީހުންގެ ދިރިއުޅުމެއް ހޯދައިދިން ގައުމު ކަމަށެވެ.

މި ދެ ކުޅުންތެރިން ފުޓްބޯޅަ ކުޅެން ފެށީ އޮސްޓްރޭކިޔާގެ ދެކުނުގައި އޮންނަ އޭ ލީގުގެ ކުލަބު އަޑެލައިޑޭ ޔުނައިޓެޑެވެ.
"އޮސްޓްރޭލިޔާ އަކީ އަހަރެންނާއި އަހަރެންގެ އާއިލާ އަށް ދިރިއުޅުން ހޯދައިން ގައުމު. މިހެންވެ އޭގެ ބަދަލު ވޯލްޑް ކަޕުގައި ހޯދައިދިނުމަކީ ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އަހަރެން ދެކެނީ،" ޓޯރޭ ބުންޏެވެ.

އެކަމަކު އޭނާ ޖެހިލުންވާ ކަމެއް އެބައޮތެވެ. އެއީ ކޯޗު ޕޮޕޮވިޗަކީ ކުޅުންތެރިންގެ ތަޖުރިބާ އަށް ބަރޯސާވާ ކޯޗަކަށްވުމުން ފުރަތަމަ 11އިން ޖާގަ ނުލިބިދާނެތީ އެވެ.

އޮސްޓްރޭލިޔާ ޓީމުގައި ތަޖުރިބާކާރުން ހިމެނެ އެވެ. އެއް ކުޅުންތެރިއަކީ އެތައް ކުލަބަލަށް ކުޅެފައިވާ ގޯލްކީޕަރު މަޓް ރަޔަން އެވެ. އުމުރުން 34 އަހަރުގެ ކީޕަރުގެ މިއީ ފަސް ވަނަ ވޯލްޑް ކަޕެވެ. ގައުމީ ޓީމަށް އޭނާ ވަނީ 100 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ.

ތަޖުރިބާ މަދަސް އިނގިރޭސި ކުލަބު ނޯވިޗަށް ކުޅޭ ޓޯރޭ އާއި ވަޓްފޯޑަށް ކުޅޭ އިރަންކުންޑާއާ މެދު ކޯޗު ކުރާ އުއްމީދުތަކެއްވެ އެވެ. ޕޮޕޮވިޗް ބުނީ ދެ ކުޅުންތެރިންގެ ހުނަރު ފުރިހަމަ ކަމަށާއި ގައުމީ ޓީމުގައި ތިބޭއިރު އޮސްޓްރޭލިޔާ އެއީ އެހެން ދިމާލަކުން އައިބައެކޭ ހީވެސް ނުވާ ކަމަށެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން އިރަންކުންޑާ ވަޓްފޯޑަށް ދިޔައީ ބަޔާން މިއުނުކްގައި ކުޅެން ފުރުސަތު ނުލިބޭތީ އެވެ. އޮސްޓްރޭލިޔާ ޓީމުގައި ކޯޗު އޭނާ ޓެސްޓް ކުރީ ކުރަކާއޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކުޅެން އެރިތާ ފަސް މިނިޓް ތެރޭގައި ގޯލެއް ޖަހައި މިއަދު އެވަނީ ކޯޗުގެ ފުރިހަމަ އިތުބާރު ހޯދައިފަ އެވެ.