ޚަބަރު

ވަޠަނީ ޚިދުމަތުގެ ތަމްރީނާއެކު ޒުވާނުންގެ ދިރިއުޅުމަށް އުންމީދާއި ހެޔޮ ބަދަލު


  • ދަރިވަރުން ދައްކައިދިނީ މި ޕްރޮގްރާމަކީ ހަމައެކަނި ފިޒިކަލް ޓްރެއިނިންގތަކެއް ނޫންކަން

  • އިޖުތިމާޢީ ޒިންމާ އުފުލުމުގައި މިދަރިވަރުން ދައްކަމުންދާ ނަމޫނާއަށް ތައުރީފު ހައްގު

ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމުގެ މަޤުސަދުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގުރާމުގައި މައިގަނޑު ގޮތެއްގައި ދެ ތަމްރީނެއް ކުރިއަށްގެންދެއެވެ. އެއީ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ނުވަތަ އަސާސީ ޕްރޮގްރާމާއި، ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމެވެ.

ރައީސްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މިތަމްރީން މިހާތަނަށް 687 ދަރިވަރަކު ވަނީ އަސާސީ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މީގެތެރެއިން 63 ދަރިވަރަކު ސްކިލް ލެވެލް ނުވަތަ ފަންނީ ތަމްރީނުތައް ނިންމާފައިވާއިރު، ކުރިއަށްއޮތް ޖޫން މަހުގެ ތެރޭގައި އިތުރު 75 ދަރިވަރަކު ފަންނީ ތަމްރީނުތައް ފެށުމަށް ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ރިޕޯޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަސާސީ އަދި ފަންނީ ތަމްރީނުތަކުގެ އެކި ބެޗުތައް ނިމި ދެން ހުރި ބެޗުތަކުގެ ތަމްރީނުތައް ފެށުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ ކޮންމެ ފަަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކުދިން މި ޕްރޮގުރާމުގައި ބައިވެރިވާން ހުށަހަޅާކަމެވެ. އަސާސީ ތަމްރީނަށް ހުޅުވާލާއިރު ބައިވެރިވާން ނަން ހުށަހަޅާ ދަރިވަރުންގެ އަދަދު ކޮންމެ ފަހަރަކުވެސް ހާހުން މައްޗަށްއަރައެވެ. އޭގެ ސަބަބުތައް ގިނައެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި މިޕްރޮގްރާމަކީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި އިޖުތިމާޢީ މައްސަލަތަކުގެ ދާއިމީ ހައްލެވެ. ޒިންމާދާރު، ވަފާތެރި، ޤައުމިއްޔަތަށް ލޯބިކުރާ އަދި އިސްލާމީ ރިވެތި އަޚުލާގުން ފުރިގެންވާ ޒުވާން ޖީލެއް ބިނާކުރުމަަށް މިއީ ބޭނުންތެރި ޕްރޮގްރާމެކެވެ. އެގޮތުން މަސްތުވާތަކެއްޗާއި ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމާއި ވަޒީފާގެ ބާޒާރަށް ޤާބިލު، މުރާލި، ހަރުދަނާ ޒުވާނުން އުފެއްދުމަށް މި ޕްރޮގުރާމުން ބޮޑު އެހީތެރިކަމެއް ލިބޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މިޕްރޮގްރާމުގެ ތެރެއިން އެތައް ބުރަ މަސައްކަތެއްކޮށް، ޤުރުބާނީތަކެއްވެ، އެ ކުދިންގެ ވިސްނުމާއި ފިކުރު ބަދަލުކޮށްލައެވެ. ލޯތްބާއި، ކުލުނާއި، އޯގާތެރި ސިފައިންގެ މުދައްރިބުންގެ އިޚުލާޞްތެރި މަސައްކަތުން، ގެއްލިފައިވާ ކަމަށް ގިނަ ބަޔަކަށް ފެންނަމުން ދިޔަ އެތައް ޒުވާނުންނެއްގެ ހަޔާތަށް އުންމީދުގެ އަލިކަން ގެނެސްދީ، އެމީހުންގެ ހަޔާތުގެ މިސްރާބު ބަދަލުކޮށްލައެވެ. މިއީ މިއަދު 600އެއްހާ ދަރިވަރުންގެ ދުލުން ނިކުތް ބަސްތަކެވެ.

"އަޅުގަނޑުގެ ދިރިއުޅުން މިއަދު މިވަނީ މުޅިން ބަދަލުވެފައި. ކުރިން ނަމާދަށް ދޭ ސަމާލުކަމާއި، މީހުންނަށް ކުރާ އިޙުތިރާމް ވަރަށް ކުޑަ. އެކަމަކު މި ތަމްރީނުތަކުގެ ސަބަބުން އަޅުގަނޑަށް ދަސްވީ އަމިއްލަ ނަފްސަށް އިތުބާރުކުރާށާއި ޤައުމަށްޓަކައި މަސައްކަތްކުރަން، އަސްލަށްވެސް ބުނަންޏާ ހަމަ މީހާ ވަރަށް ބޮޑަށް ބަދަލުވެއްޖެކަން އިހުސާސްކުރެވޭ. ހަމަ މި ޕްރޮގްރާމު ނިންމާލިއިރު ވަރަށް ތަފާތު މުޅިން ތަފާތު ކުއްޖަަކަށް އަޅުގަނޑު ވެއްޖެ" ބައިވެރިއަކު ކިޔައިދިނެވެ.

"ވަރަށް ބައިވަރު ކަންތައްތައް މި ޕްރޮގްރާމުން އަޅުގަނޑަށް ހަމަ ޔަގީނުންވެސް ދަސްވެގެންދިޔަ. މީގެ ކުރިން އަޅުގަނޑުމެންނަށް ނޭނގޭ ވަގުތުގެ އަގު ވަޒަންކުރާކަށް. އެކަމަކު މި ތަމްރީނަށްފަހު އަޅުގަނޑުމެންނަކީ ޒިންމާދާރު، ވަގުތަށް ކަމޭހިތާ، އަދި ޤައުމަށްޓަކައި ކަމެއް ކޮށްދިނުމުގެ ރޫހު ހުރި ކުއްޖަކަށް ވެއްޖެ. އަޚުލާގީ ގޮތުން އަދި ހަަމަ ފިޒިކަލީވެސް މިފަދަ ބަދަލުތަކެއް ދުވަހަކުވެސް އަންނާނެ ކަމަށް އެހާބޮޑަކަށް އުންމީދުވެސް ނުއެއް ކުރަން، އެކަމު މިއަދު ވަރަށް އުފާވޭ މިފަދަ ކުއްޖަކަށްވީމަ. މަންމަ އަދި ބައްޕަ ޕްރައުޑްވާ ކުއްޖަކަށް ވެވުނީމަ." ތަމްރީނު ފުރިހަމަކުރި ދަރިވަރަކު ބުންޏެވެ.

ބައިވެރިންގެ ލޮލުން ފެނުނީ އުފާވެރިކަމާއި ކާމިޔާބީގެ ކަރުނައެވެ. އެކުދިން ކިޔައިދިން ގޮތުގައި، މި ޕްރޮގްރާމުގެ ކުރިން އެކުދިންގެ ދިރިއުޅުމުގައި ވަކި މިސްރާބެއް ނެތެވެ. ނަމަވެސް، މިއަދު އެކުދިންނަކީ ވަގުތަށް ކަމޭހިތާ، ކިޔަމަންތެރި، އަދި އަޚުލާޤީ ގޮތުން ނަމޫނާ ޒުވާނުންނެވެ. ދަރިވަރުންގެ ވާހަކަތަކުން އެނގިގެންދިޔައީ، މި ޕްރޮގްރާމަކީ ހަމައެކަނި ފިޒިކަލް ޓްރެއިނިންގތަކެއް ނޫން ކަމެވެ. މައިންބަފައިންނަށް ކުރާ އިޙުތިރާމާއި، ބަސްއެހުމާއި، އަދި އިޖުތިމާއީ ޒިންމާ އުފުލުމުގައި މި ދަރިވަރުން މިއަދު ދައްކަމުންދަނީ ތައުރީފު ހައްގު މިސާލުތަކެކެވެ.

މިއާއެކު ހާސިލްވި މިނަތީޖާއެިން ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާގެ މި އިސްނެންގެވުމުގެ އެންމެ ބޮޑު މަޤުސަދުކަމަށްވާ ޤައުމަށް ވަފާތެރި، އަޚްލާޤީ ގޮތުން ވަރުގަދަ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްސަދު ހާސިލްވަމުންދާކަމެވެ. ބައިވެރިންގެ ދިރިއުޅުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކަކީ އޭގެ އަލިގަދަ ހެއްކެކެވެ.