ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިޔާއިން ތެލުގެ އަގު ބޮޑުކޮށްފި


ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 އެމެރިކާ ޑޮލަރަށް އުފުލިގެން ދިޔުމުން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން އިންޑިޔާގެ ތެޔޮ ކުންފުނިތަކުން ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ލިޓަރަކުން 0.03 ޑޮލަރު ބޮޑުކޮށްފިއެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ބޭނުންކުރާ އިންޑިޔާގެ މި ނިންމުމާ އެކު، ޑީސަލް ލިޓަރެއްގެ އަގު 0.92 ޑޮލަރުން 0.95 އަށް، އަދި ޕެޓްރޯލް ލިޓަރެއްގެ އަގު 0.99 ޑޮލަރުން 1.02 ޑޮލަރަށް ވަނީ ބޮޑުވެފައެވެ. އަގުތަކަށް އައި ބަދަލާ އެކު، އިންޑިޔާގެ ސަރުކާރު ޙިއްޞާވާ ތެޔޮ ކުންފުނިތައް ކަމުގައިވާ އިންޑިޔަން އޮއިލް ކޯގެ (އައިއޯސީއެލް) އިތުރުން ހިންދުންތާން ޕެޓްރޯލިޔަމް ކޯ (އެޗްޕީސީއެލް) އަދި ބާރަތު ޕެޓްރޯލިޔަމް ކޯގެ (ބީޕީސީއެލް) ހިއްސާގެ އަގުތައް ދަށަށް ގޮސްފައިވާއިރު، އަގުތަކަށް ބަދަލުގެނެސްފައިވާ ކަން ބީޕީސީއެލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައި ލޮޅުމާއެކު ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވަމުންދާތީ، ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ތެޔޮ ބޭނުންކުރާ މިންވަރު އިޤުތިޞާދު ކުރުމަށާއި، ސަރުކާރު މުވައްޒަފުން ހަފުތާއަކު ދެ ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިތުރުން ދަތުރުތައް މަދުކޮށް ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް އިލްތިމާސް ކުރައްވާފައެވެ. މުޅި މަރުކަޒީ ސަރުކާރާއި، ބޭންކުތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް މި ފިޔަވަޅުތައް ފުޅާކުރުމަށް ނިއު ދެއްލީން ދަނީ ތައްޔާރުވަމުންނެވެ. އެމްކޭ ގްލޯބަލް ފައިނޭންޝަލް ސަރވިސަސްގެ ޗީފް އިކޮނޮމިސްޓް މާދަވީ އަރޯރާ ވިދާޅުވީ، ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން މުދަލާއި ޚިދުމަތްތަކުގެ އަގަށް ކުރާ ސީދާ އަސަރު 15 ބޭސިސް ޕޮއިންޓުގައި (%1 ގެ %0.15) ހިފެހެއްޓޭނެ ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ.

ޤައުމުތަކުގެ އިޤުތިޞާދީ ހާލަތު ވަޒަންކުރާ މޫޑީސްގެ އިންޑިޔާގެ ގޮފި، އައިސީއާރްއޭގެ ނައިބު ރައީސް ޕްރަޝާންތު ވަޝިޝްތު ވިދާޅުވީ، ޕެޓްރޯލާއި ޑީސަލްގެ އަގަށް އައި ބަދަލު ކުޑަވި ނަމަވެސް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ފެށުމުން ތެލުގެ ޑިމާންޑު ނުވަތަ ތެޔޮ ބޭނުންވާ މިންވަރު ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. އައިސީއާރްއޭން ވަނީ ހަނގުރާމައިގެ ކުރިން %5 އާއި %6 ގައި ކުރިއަރާނެ ކަމުގައި ކުރިން އަންދާޒާ ކުރެވުނު ޕެޓްރޯލަށް އޮތް ޑިމާންޑު، މި އަހަރު %3 އާއި %4 އަށް ދަށްކޮށްފައެވެ. އަދި ކުރިން %2 އާއި %3 ގެ ކުރިއެރުމެއް ލަފާކުރި ޑީސަލްގެ ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގައި މިހާރު ލަފާކުރެވެއެވެ.