ޚަބަރު

ސައުތު ލީގު: ހޯންޑެއްދޫ އަތުން ގައްދޫއަށް ބޮޑު މޮޅެއް


  • ގައްދޫއިން މެޗު ކާމިޔާބުކޮށްފައި ވަނީ 5 ގޯލުގެ ތަފާތުން

  • ފުރަތަމަ ހާފުގައި ފެނިގެންދިޔައީ އެއްވަރު ކުޅުމެއް

ސައުތު ރީޖަން ލީގުގެ ޒޯން 2 ގައި މިއަދު ކުޅުނު މެޗު، 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ގައްދޫ ކާމިޔާބުކޮށްފިއެވެ.

ގައްދޫއިން ފުރަތަމަ ގޯލު ޖަހާ، ލީޑު ނަގާފައިވަނީ މެޗުގެ ކުރީކޮޅު ހޯންޑެއްދޫއިން ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދަނިކޮށެވެ. މެޗުގެ 7 ވަނަ މިނެޓުގައި ގައްދޫއިން މި ގޯލު ކާމިޔާބުކޮށްފައިވަނީ ހޯންޑެއްދޫއިން ބޭކާރު ކޮށްލި ބޯޅައެއް ނަގައިގެން އުފެއްދި ހަމަލާއެއްގައި، ގޯލު ހުރަސްކޮށް ދިން ބޯޅައަކުންނެވެ.

ގައްދޫގެ ދެވަނަ ލަނޑު ޖެހުމާ ހަމައަށް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ވަނީ އެޓޭކުގައި ނުރައްކާ ކޮއްފައެވެ.

މެޗުގެ 44 ވަނަ މިނެޓުގައި ގައްދޫ ކީޕަރު ކުރިއަށް ފޮނުވާލި ބޯޅައެއް، ޕެނަލްޓީ އޭރިއާ ބޭރަށް ނިކުމެހުރެ ދިފާއުކުރަން މަސައްކަތްކުރުމުގެ ތެރޭ ހޯންޑެއްދޫ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގައްދޫއިން ވަނީ ބޯޅަ ގޯލަށް ވައްދާލާފައެވެ. ނަމަވެސް ކީޕަރު އަތުން ބޯޅަ އަތުލަން އުޅުމުގެ ތެރޭގައި ގައްދޫ ކުޅުންތެރިޔާ އަތުގައި ބޯޅަ ޖެހިފައިވުމުން އެއީ ގޯލެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ހޯންޑެއްދޫ ކުޅުންތެރިއެއް އަތުން ބޯޅައިގެ ޖެހުމުން ގައްދޫއަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނެލްޓީ ކާމިޔާބުކޮށް ގައްދޫ އިން ވަނީ ލީޑު ފުޅާކޮށްފައެވެ.

ގައްދޫގެ 3 ވަނަ ލަނޑަކީ ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ފުދޭވަރަކަށް ހަމަހަމަކޮށް ކުޅެމުންދަނިކޮށް، ހޯންޑެއްދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގައި ގައްދޫއިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 0-5 އަކަށް ހަދާފައެވެ.

މިއަދު ހަވީރު ވަނީ ނޯތު ރީޖަން ޒޯން 1 ގެ މެޗެއްވެސް ކުޅެފައެވެ. މި މެޗުގައި، ހދ. ކުޅުދުއްފުށި އަދި ހދ. ހަނިމާދޫ ބައްދަލުކޮށް، 0-2 ގެ ނަތީޖާއަކުން ހަނިމާދޫ މޮޅުވުން ކުޅުދުއްފުށި ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތުން ވަކިވެފައެވެ. އެހެންކަމުން މި ލީގުގެ ފައިނަލްގައި ބައްދަލުކުރާނީ ހދ. ހަނިމާދޫ އަދި ހއ. ދިއްދޫއެވެ.