ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވާތީ، ސަމާލުވުމަށް އިލްތިމާސް!


  • ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ފުލުހުންނަށް ހުށަހަޅާ މިންވަރު ވަނީ އިތުރުވެފައި

ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވާތީ ބެލެނިވެރިން ސަމާލުވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވަޒީރު އިޙްސާން ވަނީ ފުލުހުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރައްވާފައެވެ.

ވަޒީރު އަލީ އިޙްސާން ވިދާޅުވީ މިހާރު ފުލުހުންނަށް ހުށަޅާ މައްސަލަތުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ބެލެނިވެރިން އިތުރަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނަށްވުރެ އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންނާއި ޖިންސީގޮތުން ކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކުޑަކުދިން ކުށުގައި އުޅުމަށްވުރެ ބޮޑަށް ކުޑަކުދިންނަށް ކުރެވެމުންދާ ބައެއް ޖިނާޢީ ކުށްތައް، ކުޑަކުދިންނަށް ގޯނާ ކުރުމާއި އަނިޔާކުރުމާއި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމާއި މިފަދަ ކަންތައް ގިނަވަމުންދާ ވާހަކަ އަޅުގަނޑު މިފާހަގަކުރީ. މިކަމުގައި އަޅުގަނޑުމެންގެ އާއިލާތަކުން، ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެކުދިންގެ ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމަށްޓަކައި،" ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާއަރަކަށްވި 19 ކުއްޖެއްގެ މައްސަލައާއި ގަނާގެ ޝިކާރައަކަށްވި 2 ކުއްޖެއްގެ މައްސަލައާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި 13 ކުއްޖެއް އަދި ގްރޫމް ކުރުމުގެ 5 މައްސަލައެއް ހިމެނެއެވެ.