ޚަބަރު

މާފުށީގައި "މާރަނގަ މާކެޓް"ގެ ނަމުގައި ޚާއްޞަ ބާޒާރެއް


  • ވިޔަފާރިތަކަށް 12 ކިއޮސްކު ވަނީ ދޫކޮށްފައި

  • މިމާކެޓް ތިން ދުވަހަށް ކުރިއަށްދާނެ

  • މާކެޓް ކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް

ކ.މާފުށީގައި "މާރަނގަ މާކެޓް"ގެ ނަމުގައި ސިލްސިލާ ބާޒާރެއް ފަށައިފިއެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުރިއަށްގެންދާ މާކެޓެކެވެ.

މާފުށީ ކައުންސިލާއި، މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމެޓްޑް (އެމްއެލްއޭސީ) އާއި ބީސީސީ ގުޅިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިއަލަށް ކުރިއަށްދާ މިމާކެޓް އޮންނާނީ މާފުށީގައި ކޮންމެ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

މާރަނގަ މާކެޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިސްތިހާރުކޮށް ވިއްކުމުގެ ފަހި ފުރުސަތެއް ވިޔަފާރިތަކަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޙަރަކާތެކެވެ. އެގޮތުން މި މާކެޓް މިއެޕްރީލް މަހުން ފެށިގެން ކޮންމެ މަަހަކުވެސް އެއްފަހަރު މާފުށީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިމާކެޓުގައި ވިޔަފާރިތަކަށް 12 ކިއޮސްކު ދޫކުރުމަށް މިހާރުވަނީ ނިންމާފައެވެ. އެއީ މާފުށީގެ ވިޔަފާރިތަކަށް 4 ކިއޮސްކާއި މާލޭގެ ބައެއް ވިޔަފާރިތަކަށް 8 ކިއޮސްކެވެ. މި ކިއޮސްކުތަކުގައި ތަފާތު އެކި ބާވަތްތަކުގެ ތަކެތި ހިމެނޭއިރު އޭގެ ތެރޭގައި ކާބޯތަކެއްޗާއި ޕޭސްޓްރީ އާއި އަތްތެެރި މަސައްކަތުގެ ތަކެތިވެސް ހިމެނެއެވެ.

މާރަނގަ މާކެޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ސާމިހް އާދަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ބީސީސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް ތަފާތު އެކި ދާއިރާތަކުން ހޯދާދެމުން އަންނަކަަމަށެވެ. އެގޮތުން ވިޔަފާރި ކުރެވޭނެ ފަހި މާހައުލެއް ޤާއިމްކޮށްދިނުމަކީ ވިޔަފާރިތަކަށް ބޭނުންވާ ޚާއްސަކޮށް ފަށައިގަންނަ ވިޔަފާރިތަކަށް ވަރަށް މުހިންމުކަމެއްކަމަށް ސާމިހް ވިދާޅުވިއެވެ.

" މާފުށީގައި އަޅުގަނޑުމެން ގަސްތުކުރަނީ މަހަކު އެއްފަހަރު ވީކެންޑަކަށް ކުރިއަށް ގެންދަން. މާފުށީގައި ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއާއިވެސް ވަރަށް ކައިރިވެފައި މާލޭގައި ކުދި ވިޔަފާރިތަކެއް އެބަ ނިސްބަތްވޭ. އެ ބޭފުޅުންގެ ވިޔަފާރި އެކްސްޕޯޝާރ މިހާރު ހުރިވަރަށް ވުރެ އިތުރުކުރެވޭނެ" ސާމިހް ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނައިރު ބީސީސީންވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ސާމިހް ފާހަގަކުރެއްވިއެވެ.

މިމާކެޓުގައި ބައިވެރިވި ބައެއް ވިޔަފާރިތަކުންވަނީ މިފަދަ މާކެޓެއް ބޭއްވުމަކީ އެ ފަރާތްތަކުގެ ވިޔަފާރި ފުޅާވެ، ތަކެތި މާކެޓު ކުރުމަށް ލިބޭ ފަހި ފުރުސަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"މިއީ އަސްލު ވަރަށް ރަނގަޅުކަމެއް މިގޮތަށް ބާޒާރެއް ބޭއްވިގެން ދިޔުމަކީ. ކުދި ވިޔަފާރިތަކަށް ހަގީގަތުގައި ތަކެތި މާކެޓުކުރުމަށް ލިބޭ ފަހި ފުރުސަތެއް މިއީ" ބައެއް ވިޔަފާރި ވެރިން ފާހަގަކުރިއެވެ.

މާފުއްޓަކީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ރަށަކަށްވެފައި، މިފަދަ މާކެޓެއް އެރަށުގައި ކުރިއަށް ގެންދިއުމުގެ ފައިދާ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބީސީސީން ވިދާޅުވިއެވެ. އަދި އެފަދަ މާޙައުލެއްގައި ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަކެތި ވިއްކައި ވިޔަފާރި އިސްތިހާރު ކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުޞަޠަކަށްވާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވިއެވެ.