ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ. އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 22 ވަނަ ދުވަހުއެވެ. ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ އެމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.
ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) April 23, 2026
🔹22 އޭޕްރީލް 2026
🔹 1150 ގްރާމް އެމްފެޓަމިން
🔸މަގުމަތީ އަގު ޖުމްލަ 3.3 މިލިއަން ރުފިޔާއަށްވުރެ އިތުރު pic.twitter.com/3l7nc1oiVG
ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ މިހާތަނަށް އައިރު ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި މިއީ މިދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާކޮށް ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި އަންނަނީ ކުރަމުންނެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ އިތުރުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެތެރެކުރާ އެހެން ބާވަތްތައްވެސް އަންނަނީ އަތުލައިގަންނަމުންނެވެ. މިގޮތުން ވޭތުވެދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި 7000 ވޭޕް ސްޓިކް އަދި ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ 2 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވެއެވެ.