ޚަބަރު

ޤަޠަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި


  • ދުވާހަކު އެއް ދަތުރު ރާއްޖެއަށް ކުރާނެ

ޤަޠަރު އެއާވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.

ޤަޠަރު އެއާވޭސްއިން މިއަދު ދަތުރުތައް ފަށާފައިވާއިރު، އެއާލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ދަތުރުކުރާނެއެވެ. އެއީ ހަފުތާއަކު 7 ދަތުރު ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.

ޤަޠަރު އެއާވޭސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިނެވެ. ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެކަމަށް ޤަޠަރު އެއާވޭސް އިން ޤަބޫލުކުރެއެވެ.

ޤަޠަރު އެއާވޭސް އިން ވިދާޅުވީ ޖޫންމަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް ފަސޭހައިން ދުވަސް ބަދަލުކުރެވޭނެ ކަމަށެވެ.

މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ އާއި ސީޓް އޮކިއުޕެންސީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދުވެސް މިހާރު 20 އިން 16އަށް ދަށްވެފައިވާ ކަމަށެވެ.