ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، ބަންގްލަދޭޝްއިން ޔަގީންކޮށްފިއެވެ.
ބަންގްލަދޭޝް ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ނޭޕާލް 1-0 އަކުން ބަލިކޮށްގެންނެވެ.
މެޗު ފަށައިގެން 2 ޓީމުންވެސް ފެނުނީ ހައި ޓެމްޕޯ އަވަސް ފުޓުބޯޅައެއް ކުޅަމުންދިޔަ މަންޒަރެވެ.
މެޗުގެ ހަމަ އެކަނި ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ އެމްޑީ މަނިކެވެ. މަނިކް މިލަނޑު ޖަހައިދިނީ ފާޕޯސްޓަށް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑުޖެހިތާ މިނެޓެއް ފަހުން ލިބުނު ފުރުސަތެއްގައި ކީޕަރި ކައިރިންވެސް ނައްޓާލާފައި ބަންގްލަދޭޝްގެ ފޯވާޑް ރޮނަން ބެންޖަމިން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. އެހެންނަމަވެސް ރޮނަން ބޯޅަ ލިބުނު ވަގުތު ހުރީ އޮފްސައިޑް މަގާމެއްގައެވެ.
ބަންގްލަދޭޝްގެ ލަނޑާއެކު ފެނިގެންދިޔައީ އެޓީމުން އިތުރަށް ކުޅުން ރަނގަޅުކޮށް ނޭޕާލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ މަންޒަރެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ނޭޕާލްގެ ކައުންޓަރ އެޓޭކްއެއްގައި އެޓީމުގެ އެންމެ މޮޅު ކޮޅުންތެރިއާ ސުބާޝް ބަމް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް ސުބާޝް ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އިސްމީއަލް ހުސެއިން ވަނީ ވަރަށް ރަނގަޅަށް ނިކުމެ ދިފާއުކޮށްފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ މެދުތެރެއަށް ކުޅެމުންދިޔަ ނަޒްމުލް ހުދާ ފޭސަލްއަށްވެސް ވަނީ އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަރިމަތިން އެމްޑީ މަނިކް ނަގައިދިން ހުރަސް މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ނަޒަމުލް ބޮލުން ފޮނުވާލި ބޯޅައަށް ހުރަސްއެޅީ ނޭޕާލްގެ ގޯލްކީޕަރު ޕެމްބާއެވެ.
ފުރަތަމަ ހާފްގެ ކުރީކޮޅު ޖެހި ލަނޑާއެކު މިހާފް އެއްކޮށް ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައީވެސް ބަންގްލަދޭޝް ޓީމުންނެވެ.
ދެވަނަ ހާފްގެ ކުޅުން 2 ޓީމުންވެސް ފެށީ ފުރަތަމަ ހާފްގެ ކުޅުން ނިންމާލިގޮތަށެވެ. އެހެންނަމަވެސް ދެވަނަ ހާފް ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ގިނަ އެޓޭކްތައް ތަނަވަސްކުރެވޭތޯ މަސައްކަތް ކުރަމުންދިޔައީ ނޭޕާލްއިންނެވެ.
ދެވަނަ ހާފްގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީވެސް ނޭޕާލް ޓީމުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ އަރިމަތި ރޮނގު ކައިރިން ލިބުނު ހިލޭޖެހުން ސުބާޝް ފޮނުވާލުމުން ދިޔައީ މަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ފަހު ކޮޅު ބަންގްލަދޭޝްއިން އެޓީމުގެ ލީޑު ދަމަހައްޓަން ބޮޑަށް ފަހަތަށް ޖެހި ކައުންޓަރ އެޓޭކް ބޭނުން ހިފަން ބަދަލުތަކެއްވެސް ވަނީ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ނޭޕާލްއިން ކުރިއަށްޖެހި މެޗުގައި ގޯލެއް ކާމިޔާބުކުރަށް ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެހެންނަމަވެސް ދެވަނަ ހާފްގައިވެސް ނޭޕާލަށް ބަންގްލަދޭޝްގެ ގޯލާ ސީދާކޮށް މާ ނުރައްކާތެރި ފުރުސަތުތަކެއް ފޮނުވާލެވޭގޮތް ވަނީ ނުވެފައެވެ.
ފުރަތަމަ ހާފްގައި ކާމިޔާބުކުރި ލަނޑާއެކު 1-0 އަކުން ބަންގްލަދޭޝް މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ޔަގީންކުރި އިރު ފައިނަލްގައި ބަންގްލަދޭޝް ބައްދަލުކުރާނީ މިރޭ އިންޑިއާ އާއި ބޫޓާން ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.