ތަރައްްޤީ

އޭދަފުށީ މަގުހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މަގުހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްރަށުގެ މަގުހެދުމުގެ މަޝްރޫޢުތަކަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުތަކެކެވެ. އެގޮތުން މިހާރުވެސް ދަޢުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރައްވައިގެން ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަސައްކަތް ކުރައްވަންމުން ގެންދަވާއިރު، ދެން އެންމެ އަވަހަށް މަގުހެދުމުގެ މަސައްކަތް ފެށިގެންދާނެ އެއްރަށަކީ ބ. އޭދަފުއްޓެވެ. އޭދަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 14 މަގެއް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14748801947259.jpg|އޭދަފުށީ މަގުހެދުމަށް ބޭނުންވާ ސާމަނު އެރަށަށް ބާލަނީ- ފޮޓޯ: އެމްއާރު ޑީސީ

ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރ.ޑީ.ސީއާއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫތުދެއްވަމުން އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ނަޢުރީފް ވިދާޅުވީ، އެރަށުގެ މަގުހެދުމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ހިލައާއި، ހިލަވެއްޔާއި ޕޭވްމަންޓް ގާ މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓް ތައްޔާރުކުރުމުގެ ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މީގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީޒް މިއަންނަ ހަފްތާގައި އެރަށަށް ގެނެއުމަށް ހަމަޖެހިފައިވާކަމަށްވެސް ނަޢުރީފް ވިދާޅުވިއެވެ. އަދި އޭދަފުށީ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް މިއަންނަ މަހުގެ މެދެއްހާތާނގައި ފެށޭވަރު ވާނެކަމަށްވެސް އެރަށުގައި ހުންނަ އެމް.އާރ.ޑީ.ސީގެ އޮފީހާ ޙަވާލާދީ، ނަޢުރީފް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14748803052164.jpg|އޭދަފުށީ މަގުހެދުމަށް ބޭނުންވާ ސާމަނު އެރަށަށް ބާލަނީ- ފޮޓޯ: އެމްއާރު ޑީސީ

ތިންހާހަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އޭދަފުށްޓަކީ، ކައިރި ރަށްރަށުން ގިނަ ޢަދަދެއްގެ މީހުން ތަފާތު ޚިދުމަތް ލިބިގަތުމަށް ޒިޔާރަތްކުރާ ރަށަކަށްވެފައި، މަގުތަކުގައި އަޑިގުޑަންހެދި ވަޅުގަނޑު ހެދިފައި ހުރުމުން މަގުތައް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާކަން އެރަށުގެ ރައްޔިތުންވެސް ފާހަގަކުރެއެވެ. 

ބ. އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ އެމްއާރްޑީސީ އޮފީހުން ބުނެއެވެ.