ޚަބަރު

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ ގުޅޭ ވެބިނާއެއް


  • މި ސެޝަންގައި ބެލަރޫސްގެ 100 ޓްރެވަލް އޭޖެންޓުން ބައިވެރިވި

  • މިއީ ދެޤައުމު ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވުމަށް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއާއި ބެލާވިއާ އެއަރ ގުޅިގެން "މޯލްޑިވްސް-ބެލަރޫސް ކަނެކްޓިވިޓީ" ވެބިނާ 2026 ބާއްވައިފިއެވެ.

މި ވެބިނާ ބާއްވާފައިވަނީ، މިމަހުގެ 10 ވަނަ ދުވަހެވެ. މި ވެބިނާއަކީ، މިއަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖެއާއި ބެލަރޫސްއާއި ދެމެދު ސީދާ ދަތުރުތަކަށް ތައްޔާރުވުމުގެ ގޮތުންނާއި، ބެލަރޫސްގެ ފަތުރުވެރިކަމުގެ ބާޒާރާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ސެޝަންގައި ބެލަރޫސްގެ 100 ޓްރެވަލް ޓްރޭޑް އޭޖެންޓުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 06 ފަރާތެއް ބައިވެރިވިއެވެ. މީގެ ތެރޭގައި ހަތަރު ރިސޯޓަކާއި، ޑީއެމްސީއެއްގެ އިތުރުން ގެސްޓްހައުސްއެއް ހިމެނެއެވެ. މި ވެބިނާރ ކުރިއަށް ގެންގޮސްފައިވަނީ ބެލާވިއާ އެއަރ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އެމްއޯޓީސީއޭ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ގުޅިގެންނެވެ.

މި ސެޝަންގެ ތެރެއިން ބެލާވިއާ އެއަރއިން ވަނީ ކުރިއަށް އޮތް ސީދާ ދަތުރުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅައި، ދަތުރުފަތުރުގެ އިންތިޒާމުތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ވަޞީލަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.

ބެލަރޫސްއަކީ، ރާއްޖެއަށް ކުރިއަރަމުން އަންނަ މުހިންމު ބާޒާރެކެވެ. އެގޮތުން 2025 ވަނަ އަހަރު އެ ޤައުމުން 7,443 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީއިން ޖޫން މަހުގެ ނިޔަލަށް 3,257 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިހާރު އެ ޤައުމުން ރާއްޖެއަށް މީހުން ދަތުރުކުރަނީ އެއިރޯފްލޮޓް، އެމިރޭޓްސް، ޤަޠަރު އެއަރވޭޒް، ޓާކިޝް އެއަރލައިންސް އަދި އެއަރ އަސްތާނާ މެދުވެރިކޮށެވެ.

މިއަހަރުގެ ޑިސެމްބަރުގައި ބެލާވިއާ އެއަރގެ ސީދާ ދަތުރުތައް ފެށުމާއެކު ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމަށް ބޮޑު ލުޔެއް ލިބި، ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބެލަރޫސް މާކެޓުގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.