ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ޑްރާފްޓް، ބެލަރޫސްގެ ރައީސް އަލެކްސަންޑާ ލުކަޝެންކޯ ފާސްކުރައްވައިފިއެވެ.
އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަކުރި ގޮތުގައި، މި ރިޔާސީ ގަރާރާއެކު ދިވެހި ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރިހަމަ އިޚުތިޔާރު މިހާރު ވަނީ ބެލަރޫސްގެ ޚާރިޖީ ވުޒާރާއަށް ދީފައެވެ. އަދި މިއީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތަކުގެ އަސާސް ކަމަށްވެސް އެޤައުމުގެ ރިޔާސީ ގަނޑުވަރުން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާ ނުލައި އެއްޤައުމުން އަނެއް ޤައުމަށް އެތެރެވުމާއި، ފުރައިގެން ދިއުމާއި އަދި ޓްރާންސިޓް ކުރުމުގެ ހުއްދަ ލިބޭނެއެވެ. އެގޮތުން ކޮންމެ ދަތުރެއްގައި ވިސާއާ ނުލައި ގިނަވެގެން 30 ދުވަހު މަޑުކުރެވޭއިރު، މީލާދީ އެއް އަހަރު ތެރޭގައި ވިސާއާ ނުލައި އުޅެވޭނެ ޖުމްލަ މުއްދަތަކީ 90 ދުވަހެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ގައި ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކުރައްވައި، އެ ޤައުމުގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާއެކު ތާރީޚީ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވަވާފައެވެ.
އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ތައުލީމާއި، ކާބޯތަކެއްޗާއި މެޝިނަރީ ފޯރުކޮށްދިނުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި ދެ ޤައުމުގެ އިޤުތިސާދީ ގުޅުން ވަރުގަދަކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ބެލަރޫސްއަކީ، ޞިއްޙީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އުޅޭ ޤައުމެކެވެ. އެޤައުމުން ދަނީ، 2026 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕުގެ 38 ޤައުމަކަށް ވިސާގެ ލުއިތައް ދިނުން ހިމެނޭހެން، ދުނިޔޭގެ އެކި ކަންކޮޅުތަކާއެކު ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއާއިއެކު ވެފައިވާ މި އެއްބަސްވުމަކީ، ދެ ޤައުމުގެ ސިޔާސީ އަދި ޚާރިޖީ ގުޅުން އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށް ކުރާ މުހިންމު މަސައްކަތެކެވެ.