އިމާމުވެ ނަމާދު ކުރާއިރު އިސްކަންދޭންޖެހޭނީ ޖަމާޢަތުގެ މަސްލަހަތަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މުޖްތަމަޢުގައި އުޅޭއިރު ނަމޫނާ ބަޔަކަށް ޒުވާން ޚަޠީބުން ވުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނުގެ ކަންކަމުގައި ޢަމަލުތައް ބަހައްޓަންވީ ގޮތާއި ގުޅޭ އިރުޝާދު ދެއްވިއެވެ. ވަޒީރު ވިދާޅުވީ އިސްލާމީ އުއްމަތުގެ ބައެއްގެ ގޮތުގައި ދިވެހިން 9 ގަރުނު ދެމިއޮތީ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިޢާރު ފާޅުކުރުމުގައި ދެމިއޮތުމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ޒުވާން ޚަޠީބުން ބިނާކުރުމުގެ މަސައްކަތަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިޢާރު ފާޅުކުރާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމްގެ ވާހަކަފުޅުގައި މިހާރު ޒުވާން ޚަޠީބުން ހާސިލްކޮށްފައިވާ ޚަޠީބުކަމުގެ ހުއްދައަކީ ބިންގަލެއް ކަމަށް ބަލައި ޢިލްމު އުނގެނުމުގައި ކުރިއަށް ދާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ނިކުންނަ ޖީލަކީ މިއަދުގެ ޖީލަށް ވުރެ ހަރުދަނާވާނެ ޖީލެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"މިއަދު ފެންނަ ޒުވާން ޚަޠީބުން 2 3 އަހަރު ފަހުން، ބޮޑެތި މީހުންނަށްވާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއަދު މިސްކިތްތަކުގައި ޚުޠުބާ ކިޔުއްވާ ބޭފުޅުންނަށް ވުރެ ތިޔަ ކުދިންގެ މުސްތަޤުބަލު އުޖާލާ. ސަބަބަކީ ނިޒާމީ ތަޢުލީމުގެ ތެރެއިން މި ޒަމާނުގެ ތަޢުލީމު ލިބިގެން، އަދި އިސްލާމީ ޢިލްމު ލިބިގެން ޤުރުޢާން ރީތިކޮށް ކިޔަވަން ދަސްކޮށްގެން މިއަދު ހަޠީބުންނަށް ވެގެން ތިދަނީ. އެހެންވީމަ ކުރީގެ ޖީލަށް ވުރެ ތިޔަ ކުދިން ހަރުދަނާ ވާނެ ކަމަށް ޤަބޫލުކުރަނީ." ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކައިގައި ޒުވާން ޚަޠީބުން ދީނީ ކަންކަމުގައި ރަޢުޔު ދިނުމުގެ ކުރިން ޢިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މީސްމީޑިއާގެ އެކި ވަސީލަތްތަކާއި މުޖްތަމަޢު ތެރެއިން އެކުދިންނަށް ކުރިމަތިވާ ހަރުކަށި ފިކުރުގެ ވިސްނުންތަކާއި ދުރުހެލިވުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ޢިލްމުވެރިންނަށް އިހްތިރާމު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ކޮންމެ މުސްލިމަކީ އިމާމަކަށް ވުމުގެ ޤާބިލްކަން ހުރި ފަރާތަކަށް ވާންޖެހޭކަން ފާހަގަކުރައްވަމުން އިމާމު ނަމާދު ކުރާއިރު ޖަމާޢަތުގެ މަސްލަހަތައް އިސްކަންދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ. ވަޒީރު ޝަހީމް ވިދާޅުވީ ޤުރުޢާން ރީތިކޮށް ކިޔެވިނަމަވެސް ޖަމާޢަތް ބޮޑުވާ ވަރަކަށް ކުރުކޮށް ކިޔެވުމަކީ ސުންނަތުން ފެންނަން އޮތް ގޮތް ކަމަށެވެ. އަދި ނަމާދު ކުރުމުގައި ރަށެއްގައި ޢަމަލުކުރާ ގޮތަކީ ސީދާ ދީނާ ސުންނަތާއި ޚިލާފުވާ ކަމެއް ނޫން ނަމަ އެގޮތުގައި އިމާމު ނަމާދު ކުރުމުގައި ޢަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލަންޖެހޭނެ ފިޤުޙުގެވެސް އެކި އެކި މަޒުހަބުތަކުގައި އަޙްކާމްތަކުގައި ސުންނީ މަޒުހަބުގައި ޝާފިޢީ މަޒުހަބުގައިވެސް، ހަނަފީ މަޒުހަބުގައިވެސް ހަންބަލީ މަޒުހަބުގައި މާލީ މަޒުހަބުގައިވެސް ނަމާދުގައި އެބަހުއްޓޭ އެކި އެކި ޚިލާފުތައް ފަރަޢީ ޚިލާފުތައް. މިކަންކަމުގައި ޖަދަލުކޮށްގެން ނުވާނެ. އެރަށެއްގެ އަހުލުވެރިން ނަމާދު ކުރަމުން އަންނަ ގޮތަކީ އެއީ ކަނޑައެޅިގެން ޤުރުޢާނާއި ސުންނަތާއި ޚިލާފުނުވާ ކަމަށްވަންޏާ އެ ރަށެއްގައި އިމާމްކަން ކުރާ މީހާ އިމާމުކަން ކުރަންޖެހޭނީ، އޭނާގެ ފަހަތުގައި ޖަމާޢަތުގައި ތިބި މީހުން ޤަބޫލުކުރާ ގޮތެއްގެ މަތިން." ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ދީނީ ކަންކަމުގައި ޤުރުޢާނާއި ސުންނަތަށް އިސްކަން ދިނުން މުހިންމުކަން ފާހަގަކުރައްވަމުންނެވެ. ޚަޠީބުންވެސް މިކަންކަމަށް ސަމާލުވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ޤައުމުގައި ދީނީ ޝިޢާރު ފާޅުކުރުމުގެ މަސައްކަތް ފުޅާކުރުމަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.