ތަރައްްޤީ

ސައޫދީ ފަންޑުން ދޭ ލޯން އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަށް ސަޢުދީ ސަރުކާރުގެ ފަރާތުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީއެއް ދެއްވައިފިއެވެ. މި ލޯން އެހީ ޙަރަދުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ޢުމްރާނީގޮތުން ހިންގާ އެންމެ ބިޔަ، އަދި އެންމެ އަގުބޮޑު އެއް މަޝްރޫޢެވެ. ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢަށް ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޙަރަދުވާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގައި އަޅާ އާ ރަންވޭއަށް ބޭނުންވާ ބިން ހިއްކެވުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާއިރު، މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއި ވަނީ ހަވާލުކުރައްވާފައެވެ.

އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ޖުމްލަ 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް މެދުވެރިކުރައްވައި ސަޢޫދީ ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ މި ލޯން އެހީގެ އެގްރީމެންޓުގައި ރާއްޖޭގެ ފަރާތުން ސައިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރެވެ. އަދި ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެތަނުގެ ވައިސް ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ ޔޫސުފް އަލް-ބައްސާމްއެވެ.

މި ލޯން އެގްރީމެންޓުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ، ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން، ދަޢުލަތުން އެންމެ ބޮޑު ހޭދައެއް ކުރައްވާ މަޝްރޫޢުކަމަށެވެ. އަދި މި މަޝްރޫޢަށް އެކިގޮތްގޮތުން މާލީ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ މުނައްވަރު ވިދާޅުވީ، ސަޢުދީ ސަރުކާރާއެކު މި ވެވުނު އެގްރީމެންޓުގެ ދަށުން 100 މިލިއަން ޑޮލަރުގެ މި ލޯން އެހީ އަނބުރާ ދެއްކުމަށް، 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 25 އަހަރުގެ މުއްދަތެއް ސަރުކާރަށް ދެއްވާފައިވާކަމަށެވެ. މި ލޯން އެހީގެ އިންޓަރެސްޓް ރޭޓެއްގެގޮތުގައި ކަނޑައަޅުއްވާފައިވަނީ 2 ޕަސެންޓެވެ.

ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ފަރާތުން ވާހަކަދައްކަވަމުން އެތަނުގެ ވައިސް ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ ޔޫސުފް އަލް-ބައްސާމް ވިދާޅުވިގޮތުގައި، ޢުމްރާނީގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް އެފަރާތުން ދެމިތިބޭނެކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ 12 ޕްރޮޖެކްޓަކަށް ސޮފްޓް ލޯނުގެ ގޮތުގައި 266 މިލިއަން އެމެރިކާ ޑޮލަރު ސަޢުދީ ފަންޑުން ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެއަރޕޯޓް ޓަރމިނަލް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ސަޢުދީ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދެއްވާފައިވާއިރު، ހަމަ މި މަޝްރޫޢަށް ކުވަޢިތު ފަންޑް ފޯ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން 51 މިލިއަން ޑޮލަރުގެ ލޯން އެހީއެއްވެސް ވަނީ ދެއްވާފައެވެ. އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް އަދި ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމަށް ޖުމްލަ 300 މިލިއަން އެމެރިކާ ޑޮލަރު ޙަރަދުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ. އާ ޓަރމިނަލް ތަރައްޤީކުރެވިގެންދާއިރު، އެތަނުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއަރޕޯޓްތަކުން ފޯރުކޮށްދޭ ޙިދުމަތްތައް ލިބެން ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.